ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން އަދިވެސް އިތުރުކުރަންޖެހޭ - މިނިސްޓަރ ޝިދާތާ


ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުވެގެން ދިޔަ މިންވަރު ހާމަވެއްޖެކަމަށާއި އަދިވެސް އެފަދަ ކުދިންނަށް ދޭ ފުރުޞަތުތައް އިތުރުކުރުމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ އިލްތިމާސްކުރައްވައިފިއެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ހަވީރު ދަންފަޅީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފު ވިދާޅުވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން މިއަދުވަނީ މީގެ ކުރިން ނުފެންނަ ގިނަ އުފާވެރި މަންޒަރުތަކެއް ފެނިގެން ގޮސްފައިކަމަށެވެ. އެގޮތުން އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ކުދިންނަށް ބައިވެރިވެވޭ ފަދަގޮތަކަށް މުބާރާތްކުރިއަށް ގެންދިޔުމުގެ ސަބަބުން މުޖުތަމަޢުގައި ހަވާސާވެފައިވާ ކުދިންނަށް ގިނަ ފުރުޞަތުތަކެއް މުބަރާތުން ލިބިގެން ގޮސްފައިވާކަމަށެވެ. އަދި މިއީ އަސްލު ފެންނަން ޖެހޭ މިންވަރަށްވުރެ މަދު މިންވަރެއްނަމަވެސް މިކުދިންނަށް ދެވޭ ފުރުޞަތުތައް އަދިވެސް އިތުރުކުރެވޭނެ ގޮތްތައް ހޯދާ އެފުރުޞަތު ދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ވާހަކަދެއްކުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ހަވީރު ބެއްވި ދަންފަޅީގައިވަނީ ތަރަހަ ގިންތިއާއި ދަށު އިބްތިދާއީ ގިންތިއާއި ތަފާތުގޮތަކުން ކުޅަދާނަ ކުދިންގެ ބައިންނާއި 18 އަހަރުން ދަށުގެ ބައިން ވާދަކުރި ކުދިންގެ ނަތީޖާ ފާޅުކޮށް ވަނަ ވަނައަސް ދިޔަ ދަރިވަރުންނަށް އިނާމާއި ތައްޓާ ހަނދާނީ ލިޔުން ވަނީ ދީފައެވެ. އެގޮތުން ތަރަހަ ގިންތީގައި އެންމެ މޮޅު 5 ސްކޫލަކަށް ހޮވިފައިވަނީ ދޮންދޫނި ލިޓްލް ލަރނަރސް ޕްރީ ސްކޫލާއި އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލާއި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލާއި އަމީރު އަޙްމަދު ސްކޫލާއި ގަލޮޅު މަދަރުސާއެވެ.

ތަފާތު ގޮތަކުން ކުޅަދާނަ ކުދިންގެ ބައިގައި 4 ކުއްޖަކުވަނީ ބައިވެރިވެފައެވެ. އެއީ މުޙައްމަދު ހަދްޔާން ޙުސައިން ޢަލީއާއި ފާތިމަތު މިޝްކާ ޙަނީފާއި ޙައްވާ ޢީޝާލު ރިޔާޟާއި ޙުސައިން ޞަލާޙް ބިން ފަރުހާދެވެ. މިކުދިންނަށްވެސް ވަނީ ތައްޓާ ހަނދާނީ ލިޔުންދީފައެވެ.

މިއަހަރުގެ މުބާރާތުގައި 6 ގިންތިއަކުން ކުދިންބައިވެރިވެފައިވާއިރު ތަރަހަ ގިންތީގައި 60 ކުދިން ވާހަކަދައްކާފައިވާއިރު ދަށު އިބްތިދާއީ ގިންތީގައި 89 ކުދިންވަނީ ވާހަކަދައްކަފައެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ 1985 ވަނަ އަހަރުންފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުން ބައިވެރިވަމުން އަންނަ ވާދަވެރިމުބާރާތެކެވެ. މިމުބާރާތުގެ އިބްތިދާއީ ގިންތިންފެށިގެން އޮފީސްތަކުގެ ބައިގެ ނަތީޖާ ފަޅުކުރުން އޮތީ މިރޭ 9 ޖަހާއިރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.