ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަޑައަޅުއްވާފައިހުންނަވާ ސަފީރު ވިސާމް ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މެލޭޝިއާގެ ރަސްގެފާނަށް އަރުވައިފިއެވެ.
ސަފީރު ވިސާމް ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މެލޭޝިޔާގެ ރަސްގެފާނު ދަ ޔަންގް ޑީ-ޕަރްޓުއާން އަގުންގް XVI، އަލް ސުލްތާން ޢަބްދުﷲ ރި އަޔަތުއްދިން އަލް-މުސްޠަފާ ބިﷲ ޝާހް އިބްނި ސުލްތާން ހާޖީ އަޙްމަދު ޝާހް އަލް-މުސްތާއިން ބިﷲ އަށް މިއަދު އަރުވާފައިވަނީ ކުއަލަލަމްޕޫރުގައި ހުންނަ ރަސްގެފާނުގެ ރަސްމީ ގަނޑުވަރު އިސްތާނާ ނެގުރާ ގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، އެކަމަނާވަނީ މެލޭޝިއާގެ ރަސްގެފާނާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ހެޔޮއެދުންތައް ރަސްގެފާނަށާއި މެލޭޝިއާގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މެލޭޝިއާގެ ރަސްގެފާނު ވަނީ ސަފީރުކަމުގެ މަޤާމާ ޙަވާލުވެލެއްވުމާ ގުޅިގެން ސަފީރު ވިސާމް ޢަލީއަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި މިހާރުއޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ ސަފީރަށާއި ދިވެހިސަރުކާރަށް އެއްބާރުލެއްވުން ދެއްވާނޭކަމުގެ ޔަޤީންކަންވެސް ރަސްގެފާނު ވަނީ އަރުވާފައެވެ.
ސަފީރުގެ ވާހަކަފުޅުފައި ވަނީ، މެލޭޝިއާ ސަރުކާރާއި މެލޭޝިއާ ރައްޔިތުން ދިވެހި ސަރުކާރަށާއި ދިވެހިރައްޔިތުންނަށް
ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދިކުރިއަށް އޮތްތަނުގާ ދެޤައުމުގެ ދެމެދު މިހާރުއޮތް
ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނޭކަމުގެ ޔަޤީންކަންވެސް ސަފީރު ވަނީ އަރުވާފައެވެ.