ޚަބަރު

ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މާލޭގެ މަގުތަކަށާއި ޓްރެފިކަށް ބަދަލު ގެންނަންޖެހޭ- އެމްޓީސީސީ


މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ބައެއް މަގުތަކަށާއި ޓްރެފިކް ފްލޯއަށް ބަދަލުގެނެސް ޕާރކިންއަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ކުރަންޖެހެ ދިރާސާކޮށް ނިމުމަށްފަހު މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އިލެކްޓްރިކް ބަސް ބޭނުންކޮށްގެން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ނިންމާފައިވާއިރު އެމްޓީސީސީން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މި ޚިދުމަތް ފެށުމަށް ބޮޑަށް ހުޅުވާލާނެ ކަމަށެވެ. އަދި ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ ފަސިންޖަރުންނަށް އަރާފައިބަން ފަސޭހަ ބަސްތަކަށް ވާންޖެހޭ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މާލެއަށް މިނީބަހުގެ ޚިދުމަތް ތަޢާރަފްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި ޚިދުމަތް ތަޢާރަފްކުރެވުމާއެކު މާލެތޭގައި ދަތުރުފަތުރުކުރުމަށް ހަރުދަނާ އަދި ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެމުން އެމްޓީސީސީގެ ޓްރާސްޕޯޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުޙައްމަދު ނާޒިމް ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ބަސްތައް ޗާޖު ކުރުމުގެ ކަންކަން ކުރިއަށްދާނީ ހުޅުމާލޭގައިކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ގެނައުމަށް ހަމަޖެހިފައިވަނީ 6 މީޓަރުގެ ބަސް ކަމަށާއި އެ ބަސްތަކަކީ 16 އާއި 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކަރުން ނިންމާފައި ވަނީ މިނީ ބަހުގެ ޚިދުމަތް ތިމާވެއްޓަ ރައްޓެހި އިލެކްޓްރިކް ބަހުގެ ޚިދުމަތް ދިނުމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީއާ އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި މި ޚިދުމަތް ދިނުމަށް ގެންނާނެ ބަހުގެ އަދަދު ބަޔާންކޮށްފައި ނުވިނަމަވެސް، ޚިދުމަތް ފެށުމުގެ ގޮތުން 20 ބަސް ގެނެއުމަށް އެކުންފުންޏަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފެށުމާއެކު އޭގެ ނަތީޖާއަށް ބަލައި ސްކޫލް ބަހުގެ ޚިދުމަތްވެސް ދޭން ފަށާނެކަމަށްވެސް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގައި މީގެ ކުރިންވެސް ބަހުގެ ޚިދުމަތް ދީފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މި ޚިދުމަތް މިހާރު ވަނީ މެދުކެނޑިފައެވެ.