ޚަބަރު

ކުންފުނީގެ މުދަލާއި ފައިސާއަށް ޚިޔާނަތްތެރިވި މީހުންނާމެދު މިދަނީ ފިޔަވަޅު އަޅަމުން - ފެނަކަ


ކުންފުނީގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވި މީހުންނާއި، ކަރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ މީހުންނާމެދު ފިޔަވަޅު އަޅަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ތަސައްވަރު ކިލަނބުކުރަމަށް ބަޔަކު މަސައްކަތްކުރާކަމަށް ތުހުމަތުކޮށް، އެކަން ކުށްވެރިކޮށް އެކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ އަތޮޅުތަކުގެ ރަށްތަކަށް ކަރަންޓް ދިނުމަށް 2012ވަނަ އަހަރު އުފެއްދި ފެނަކައިން 2018އާ ހަމައަށްވެސް، ކަރަންޓަށް ދާއިމީ ހައްލެއް ގެނެސްދީފައި ނުވާކަމަށެވެ.

ވޭތުވެދިޔަ ހައަހަރުގެ މާޒީގައި ފެނަކައިން ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގައި ފެއިލްވެފައިވާކަން ފާހަގަކޮށް އެކުންފުނިން ވިދާޅުވީ މީގެ ކުރިން ކުންފުނި ހިންގަންތިބި މީހުންވަނީ ނާޖާއިޒު ފައިދާ ހޯދައި ބޮޑެތި ކޮރަޕްޝަނުގެ ޖަރީމާތަކެއް ހިންގާފައި ކަމަށެވެ. އަދި މާޒީގައި ކުންފުނި ހިންގިގޮތަށް ދެން އެކުންފުނިން ހިންގުމަށް ފުރުޞަތު ނުލިބޭނެކަމަށާ، ކުންފުނީގެ މުދަލާއި ފައިސާއަށް ޚިޔާނަތްވި މީހުންނާއި، ކަރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ އެންމެހާ ފަރާތްތަކާ ބެހޭގޮތުން ލިބިފައިވާ އެންމެހާ މަޢުލޫމާތު ކަމާއިބެހޭ ފަރާތާއި ޙިއްޞާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަޤީންކަން ދޭކަމަށްވެސް ފެނައިކައިގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ކުންފުނިން ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތަކަށް ހުއްޓުމެއް އަޔަނުދިނުމަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާ، އަމާނަތްތެރިކަމާއިއެކު ރައްޔިތުންގެ މުދަލާއި ފައިސާއިން ރައްޔިތުންނަށް މަންފާ ކުރުވަނިވި ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ފެނަކަގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކުންފުންޏާ ގުޅޭގޮތުން އެތަނުގެ ކުރީގެ ވެރިން އެކިވާހަކަތައް ދައްކަވަމުން ގެންދަވަނީ ކުންފުނީގެ މުދަލާއި ފައިސާއަށް ވެފައިވާ ޚިޔާނާތްތައް ރައްޔިތުންނަށް ހާމަވަމުންދާތީ އެކަމުގެ ނުތަނަވަސް ކަމުގައިކަމަށެވެ.