ޚަބަރު

33ވަނަ ޤައުމީ ޤުރުއާން މުބާރާތް ސެޕްޓެމްބަރު މަހު


33 ވަނަ ޤައުމީ ޤުރުއާން މުބާރާތް އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ބާއްވާގޮތައް ނިންމައިފިއެވެ. ސެޕްޓެމްބަރު މަހުގެ 1 އިން އެމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައިބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމަޔަށެވެ. މިފަހަރުގެ މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން އާއްމު ބަޔަކާއި ސްކޫލް ކުދިންނަށް ޚާއްސަކޮށްފައިވާ ބަޔަކާއި ހާފިޒުންގެ ބައެއް ވަނީ ހިމަނާފައެވެ.

އާންމު ބައިގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މި ބައި ހުޅުވާލާފައިވަނީ އަތޮޅޫ ކައުންސިލްތަކަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީކޮށްފައިވަ މަތީ ތަޢުލީމް ދޭ މުއައްސަސާތަކަށެވެ. އަދި އިސްލާމްދީނަށް ޚިދުމަތްކުރުން އެ ފަރާތެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާތަކާއި ކުންފުނިތަކާއި ކްލަބްތަކަށާއި ޖަމާއަތްތަކަށެވެ.

ސްކޫލް ކުދިންގެ ބައިގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޯށްފައިވަ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 1 އިން ބާރައަށް ކިޔަވާ ދަރިވަރުންނަށެވެ. އަދި ހާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މމުޅި ޤުރުއާން ހިތުދަސް ފަރާތްތަކަށެވެ.


33ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީތަކަށާއި، އިސްލާމްދީނަށް ޚިދުމަތް ކުރުން އެ ފަރާތެއްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާތަކާއި، ކުންފުނިތަކުގެ އިތުރުން ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. 16 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ.

ޤައުމީ ޤުރުއާން މުބާރާތުގައި ފޮތުން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 10 ފޮތާއި 20 ފޮތް އަދި މުޅި ޤުރުއާން ތަޖުވީދު ހަމަތަކުގެ މަތިން ކިޔެވުން ހިމެނޭއިރު، ހިތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 5 ފޮތާއި 10 ފޮތް އަދި 20 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމަނާފައިވެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނީ މި މުބާރާތުގެ ދެބައިގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ ގިނަވެގެން 2 ކެންޑިޑޭޓަށް ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ގޮތްޕެއްގައި ކަމަށެވެ.މުބާރާތުގެ އާންމު ބައިގައި ކޮންމެ މުއައްސަސާއަކު ބައިވެރިކުރެވޭ އަދަދަކީ މަދުވެގެން 12 މީހުންނެވެ. އަދި ސްކޫލް ކުދިންގެ ބައިގައި ބައިވެރިވެވޭނީ 15 ބައިވެރިންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.

ސްކޫލްކުދިންގެ ބައިގައި ބަލައިގެން ލިޔެވުމުގެ ބައިން 3 ފޮތާއި 15 ފޮތާ ދެމެދުގެ ކިޔެވުން ހަމަޖައްސާފައިވާއިރު މިބައިގައި ބައިވެރިވެވޭނީ 1 ބައިވެރިއަކަށެވެ. އަދި ހިތުން ކިޔެވުމުގެ ބައިން 1 ފޮތާއި 5 ފޮތާ ދެމެދު ހިމަނާފައިވާއިރު މިބައިގައި 2 ބައިވެރިން ބައިވެރިވެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއަހަރުގެ މުބާރާތުގައި ވަނަވަނައަށްދާ ފަރާތްތަކަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދޭ އިނަމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ އިތުރުން ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި ފަތުރާ ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.