ޚަބަރު

ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި


ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ހއ.އަތޮޅުން ޅ.އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު 8:00ން 12:00އަށެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މި ވަގުތުތަކުގައި އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންޑީއެމްއޭ އިން ވިދާޅުވީ ދެރަށަކުން ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވަނީ ހދ.ހިރިމަރަދޫއާއި ކުޅުދުއްފުށިންނެވެ. މީގެ އިތުރުން ށ.ފުނަދޫއަށްވެސް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ގެއްލުންތަކެއް ވެފައެވެ. ފުނަދޫ ކައުންސިލްގެ ރައީސް މުހަންމަދު ޝާމިރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ސްކޫލްގެ ކްލާސް ރޫމުތަކަށް ފެން ވަދެފައިވާ ކަމަށާއި ކުދިން ކުޅޭ ސަރަހައްދުގައި ދަމާފައިވާ ދާގަނޑުވެސް ހަލާކު ވެފައިވާކަމަށެވެ. އަދި ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެރަށު ކައުންސިލުން މިހާރު ވަނީ ދިމާވެފައިވާ ގެއްލުންތަކަށް ހައްލު ހޯދާފައެވެ.


މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.