ކުޅިވަރު

ޓީމުތަކުން އެހެންކަމަކާމެދު ވިސްނަން ނުޖެހޭވަރަށް ކަންކަން ހަމަޖައްސައިދެވިއްޖެ - ނާހިދު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަނގަޅު ނަތީޖާތައް ހޯދަން މަސައްކަތްކުރުމަށް ހަމައެކަނި ފޯކަސް ކުރެވޭވަރަށް، މިމުބާރާތުގައި ވަދަކުރާ ހުރިހާ ކުޅިވަރު ޓީމުތަކެއްގެ އިންތިޒާމްތައް ހަމަޖައްސައިދެވިފައިވާނެކަމަށް މުބާރާތުގެ ރާއްޖޭގެ ޗެފް ޑިމިޝަން އަހުމަދު ނާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ 178 މެމްބަރުންވަނީ އިއްޔެ މޮރީޝަސްއަށް އައިސްފައެވެ. މަދު އެތްލީޓެއް ފިޔަވައި އެހެން ހުރިހާ އެތްލީޓުންނާއި އޮފިޝަލުން މިހާރު ތިބީ މޮރީޝަސްގައެވެ.

މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން ރާއްޖޭގެ ޗެފް ޑިމިޝަން އަހުމަދު ނާހިދު ވިދާޅުވީ އެޑްވާންސް ޓީމް 24 ގަޑިއިރު ކުރިން އައިސް ގިނަ ކަންތައްތަކެއް ހަމަޖައްސައިދީފައިވާނެކަމަށާ، ޓިމްތަކުން އެއްވެސް ކަމަކާއި ވިސްނަން ނުޖެހޭވަރަށް ކަންތައްތައް ހަމަޖައްސައިދެވިއްޖެކަމަށެވެ.

މެޑަލް ހޯދުމާއި ރަނގަޅު ނަތީޖާތައް ނެރުން ފިޔަވައި އެހެންކަމަކާމެދު ޓީމްތަކުން ވިސްނަން ނުޖެހޭވަރަށް ތައްޔާރުވެވިފައިވާކަމަށް ނާހިދު ވިދާޅުވިއެވެ. ނާހިދު ވިދާޅުވީ ޓީމްތަކުގެ ޓެކްނިކަލް މީޓިންގތައް މިރޭ ބޭއްވުމާއެކު ބާކީ ހުރިކަންކަންވެސް ހަމަޖެހޭނެކަމަށެވެ. ފުޓްބޯޅަ ފިޔަވައި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ހުރިހާ ކުޅިވަރެއްގެ ޓެކްނިކަލް މީޓިންގތައް މިރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.