ޚަބަރު

އިސްރާއިލުގެ ލާއިންސާނީ ޢަމަލުތަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި


ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތް، އިސްރާއީލުން ނުހައްޤުން އަރަގަނެފައިވާ ފަލަސްޠީނުގެ ބިންތަށް މިނިވަންކުރުމާއި ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއިލުން ހިންގާ ލާ އިންސާނީ ޢަމަލުތަށް ހުއްޓާލުމަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޤުދުސަށް އަރައިގަނެ ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، (އޯއަސީ)އިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ޚަލީލްވަނީ ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް އޮންނާނެކަން ހާމަކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލްވަނީ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަމަލުތަށް ކުށްވެރިކުރައްވައި މިޢަމަލުތަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިދަތިކަމުގެ ތެރޭގައި މުޅި މުސްލިމް އުންމަތް އެކަތިގަނޑަކަށް ވާންޖެހޭކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވަނީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅުކަމުގައިވާ މަސްޖިދުލް އަޤްޞާ ހުންނަ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ދިވެހިރާއްޖެއިން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޤުދުސް ހިފައި މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް އެތަށް މުސްލިމުންނެއްގެ ގެދޮރުނެތިކޮށްލުމަށް އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަށް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އޯއައިސީގެ މެމްބަރު ޤައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ބައިވެރިވި މި ބައްދަލުވުން ނިންމާލާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަށް ކުށްވެރިކޮށް ގުޅިފައިވާ ބަޔާނެއް ފާސްކުރުމަށްފަހުއެވެ. އިސްރާއިލްގެ އަމަލުތަށް ކުށްވެރިކޮށް ނެރުނު މި ބަޔާނުގައި 17 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިސްރާއިލުން ފަލަސްތީނުގެ ބިންތަކަށް އަތް ގަދަކޮށް، ޔަހޫދީން މިތަންތާގައި ވަޒަންވެރިކުރުމަކީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މުސްލިމް އުންމަތް ފަލަސްތީނުގެ ހައްޤުގައި އެކަތިގަނޑަކަށްވެ ފަލަސްތީނުގެ ހައްޤުތަށް ޙިމާޔަތް ކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކަކަށާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކަށް ވަނީ ގޮވާލާފައެވެ.

އިސްރާއިލުގައި ހުންނަ އެޤައުމުތަކުގެ އެމްބަސީ ޤުދުސަށް ބަދަލުކުރި ޤައުމުތަށް ބޮއިކޮޓް ކުރުމަށްވެސް މި ބަޔާނުގައިވަނީ ގޮވާލާފައެވެ. އަދި އިސްރާއިލުން އަތްގަދަކޮށްފައިވާ މުސްލިމުގެ ތިންވަނަ ހަރަމްފުޅު، މަސްޖިދުލް އަޤްޞާ ޔުނެސްކޯގެ ވޯލްޑް ހެރިޓެޖ ސައިޓުތަކުގަި ހިމަނާދިނުމަށް މަސައްކަތްކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

އޯއަސީއިން ބޭއްވި މިކުއްލި ބައްދަލުވުމަކީ ފަލަސްތީނުގެ ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން ބޭއްވި މިނިސްޓަރުންގެ ފެންވަރުންގެ ބައްދަލުވުމެކެވެ.