ކުޅިވަރު

ޗައިނާ އަދި ފިލިޕީންސްއާ އެއް ގުރޫޕެއްގައި ރާއްޖެ ލައްވާލައިފި


ޤަތަރުގައި އޮންނަ ވަރލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި، ވަރުގަދަ ޗައިނާ އާއި ފިލިޕީންސާއި އެއް ގުރޫޕެއްގައި ދިވެހިރާއްޖެ ލައްވާލައިފިއެވެ.

ޤަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވަރލްޑް ކަޕާއި 2023ގައި ޗައިނާގައި ބާއްވާ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފުކޭޝަނުގެ މި ގުރޫޕްގައި ދެން ހިމެނެނީ ސީރިޔާ އަދި ގުއާމެވެ. މެލޭޝިޔާގައި ބޭއްވި ގުރުއަތުލުމުގައި ވަނީ އޭޝިޔާގެ ކޮލިފައިންގެ ދެވަނަ ބުރުގައި ވާދަކުރާ 40 ޤައުމު، އަށް ގުރޫޕަކަށް ބާހާލާފައެވެ.

ރާއްޖެ ލައްވާލާފައިވަނީ ގުރޫޕް އޭގައެވެ. މި އަށް ގުރޫޕްގެ ތެރެއިން ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ޔަޤީންވާނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ޓީމަށެވެ. އަދި އެންމެ ރަގަނޅު ނަތީޖާ ނެރޭ 4 ޓީމަށްވެސް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ޔަޤީންވާނެއެވެ. އަދި ތިންވަނަ ބުރަށް ކޮލިފައިވާ 12 ޓީމަށް އޭޝިއަން ކަޕުން ފުރުޞަތު ލިބޭނެއެވެ.

ފިލިޕީންސާއި ޗައިނާ އަދި ރާއްޖެ މީގެ ކުރިންވެސްވަނީ ވާދަކޮށްފައެވެ. މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ވަރލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖްގައިވެސް ރާއްޖެ ވަނީ ޗައިނާއާ އެއް ގުރޫޕެގައި ލައްވާލާފައެވެ. އެ ފަހަރު ދެ މެޗުންވެސް ޗައިނާވަނީ ކުރި ހޯދާފައެވެ.

2014 ވަނަ އަހަރު މާލެ އާއި އައްޑޫ ސީޓީގައި ކުރިއަށްގެންދިޔަ އޭ.އެފް.ސީ ޗެލެންޖުގައި ރާއްޖެއިން ވަނީ މުބާރާތުގެ ސެމީފައިނަލުގައި ޕިލިޕީންސާ ވާދަކޮށްފައެވެ. އިތުރު ވަގުތުގައި ފިލިޕީންސްއިން ޖެހި ލަނޑާއެކު 3 ލަނޑު 2 ލަނޑުން އެ މެޗު ކާމިޔާބުކޮށްފައިވަނީ ފިލިޕީންސްއެވެ. އަދި ސޫރިޔާގެވަނީ ރާއްޖޭގެ މައްޗަށް މީގެ ކުރިން ކުރިހޯދާފައެވެ. އެއީ 1997ވަނަ އަހަރުގެ ވަރލްޑްކަޕް ކޮލިފައިންގައި މެޗެއްގައެވެ. އެ މެޗު ސޫރިޔާއިން ކާމިޔާބުކޮށްފައިވަނީ 12 ލަނޑު 0 ލަނޑުންނެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްގެ ގުރޫޕް އޭގައި ލައްވާލާފައިވާއިރު، މި ގުރޫޕްގެ އެންމެ ވަރުގަދަ ޓީމަކަށް ވާނީ ޗައިނާއެވެ. އެހެންނަމަވެސް މީގެކުރިން ރާއްޖެއިން ޗައިނާ އާއި ފިލިޕީންސާ ވާދަކޮށްފައިވުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ.

ދިހަ އަހަރު ދުވަހަށް ފަހު، މިދިޔަ އަހަރު ރާއްޖެއިން ވަނީ ސާފް ސުޒުކީ ކަޕްގެ ތަށި ހޯދާފައެވެ.