ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަވެސް ދައްކަންޖެހޭ - ރައީސްގެ އަނބިކަނބަލުން


ޖިސްމާނީ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމުގެ ވާހަކަވެސް ދައްކަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން "މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަން"(މެފް) އިން ސްކޫލްތަކުގެ އިސްފަރާތްތަކަށް ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން (މެފް)އިން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްމުދައްރިސުންނާއި ކައުންސެލަރސް ހިމެނޭހެން ހިންގި ހޭލުންތެރިކުރުމުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމންހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ މަޢުލޫމާތުތައް ޢައްމުންނާހަމައަށް ފޯރުކޮށްދޭންޖެހޭ މިންވަރަށް ފޯރުކޮށް ނުދެވޭކަމަށެވެ. ޒުވާނުންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުކަމަށާ، ޢާއްމުކޮށް ނަފްސާނީ ބަލިތަކަށް ޒުވާނުން ހުށަހެނީ ސްކޫލް ދުވަސްވަރު އުމުރުން ގާތްގަނޑަކަށް 14 އަހަރުގައި ކަމަށް އެކި ދިރާސާތަކުން ދައްކާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޒުވާނުންނާއި ކުޑަކުދިންނަށް ދިވާމާ މިފަދަ މައްސަލަތައް އެންމެ ފަސޭހައިން ދެނެގަނެ، އެކުދިންނަށް އެހީތެރިކަން އެންމެ ފުރިހަމައަށް ފޮރުކޮށްދެވޭނީ ސްކޫލް މާޙައުލުންކަމަށްވާތީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް މިފަދަ މަޢުލޫމާތުތައް އެނގުން މުހިންމުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"މިކަންކަމުގެ ޢާއްމު މަޢުލޫމާތު ސްކޫލްތަކުގައި ހުންނަންޖެހޭ. ކުދިންގެ ނަފްސާނީ މައްސަލަތަަކުގެ ސަބަބުން ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ދަތިވެ، އެކަމުގެ ނޭދެވޭ އަސަރު މުޅިޤައުމުގެ ތަރައްޤީއަށް ކުރާނެ." ފަޒްނާ އަޙްމަދު ވިދަޅުވިއެވެ.

ފަޒްނާ އަޙްމަދު ވިދާޅުވީ މިފަދަ ވާހަކަތަކަކީ ސްކޫލާއި، ކޮލެޖުތަކާއި އަދި ޢާއިލާގެތެރޭގައިވެސް ދައްކަންޖެހޭ ވާހަކަތައްކަމަށެވެ. އަދި މިފަދަ ކުދިން ބާކީނުކޮށް، މައްސަލަތައް ޙައްލުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދިރާސާތައް ދައްކާގޮތުން ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކީ ނަފްސާނީގޮތުން ނޭދެވޭ އަސަރުކޮށްފައިވާ މީހެކެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ބޭއްވި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެފްގެ ކޯފައުންޑަރ ޑރ.ޝާޒްނީން އަލީ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ، ޒުވާނުންނަށް ވަމުން އަންނަ ކުދިންގެ މިފަދަ މައްސަލަތައް ދުރާލައި ދެނެގަނެ، އެކަންކަމުން އަރައިގަތުމަށް އެހީވުންކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާނީ މިކަމާއިމެދު އަޑު އުފުލައި، މަސައްކަތުގައި އެހީތެރިވެދޭނެ ޓްރެއިނަތުން އުފެއްދުން. އަދި ސްކޫލްތަކުގައި ވަރަށް މުހިންމު މިފަދަ ކުދިން ވީހާވެސް ކުރިން ދެނެގަތުުން." ޝާޒްނީން ވިދާޅުވިއެވެ.

އެއް ދުވަހުގެ މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ ޒުވާނުންނަށް ދިމަވާ ނަފްސާނީ މައްސަލަތަކާއި، އެކަންކަމަށް ހުށައެޅޭ ކަންކަމާއި، މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ހަނގާ ކުރުންފަދަ މައްސަލަތަކާބެހޭގޮތުންނެވެ.

ބައްދަލުވުމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ޔޫކޭގެ ކޮންސަލްޓަންޓް ޗައިލްޑް ސައިކޭޓްރިސްޓް ޑރ.މައިރަން ކަނަގަރަޓްނަމްއެވެ. މިބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުން 37 މީހަކު ބައިވެރިވެފައިވެއެވެ.