ޚަބަރު

މިމަހުގެ 28 އާއި، އޮގަސްޓް 15 ސަރުކާރު ބަންދު


މިިނިވަން ދުވަހާއި ގުޅިގެން ޖުލައިމަހުގެ 28ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުން ބައިވެރިވާތީއެވެ.

މިއަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހުކުރުދުވަހަކާއި އެވެ. މިނިވަން ދުވަހާއި ގުޅުވައިގެން މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފުޅަނދު ބުރުވެސް ހިމެނެއެވެ.

ޖުލައި 28ގެ އިތުރުން އަޟުޙާ އީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތް ހަމަޖެއްސެވުމަށް 15 އޮގަސްޓަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ. މި ގޮތަށް ހަމަޖެއްސެވީ އަޟުޙާ ޢީދާ ގުޅިގެން ޗުއްޓީއަށާއި، އެނޫންވެސް އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ބަދަލާއިއެކު އަޟުޙާ އީދުގެ ބަންދުގެ ގޮތުގައި 09 ދުވަސް ލިބިގެންދާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ޙައްޖު ދުވަހަކީ އޮގަސްޓްމަހުގެ 10 ވަަނަ ދުވަހެއެވެ.