މުނިފޫހިފިލުވުން

މި ފަހަރު "ސަންޖީވަނީ 2"


ދެހާސް ދެވަނަ އަހަރު ސްޓަރ ޕްލަސް އިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ ސަންޖީވަނީ ސިލްސިލާގެ ސީކުއެލް "ސަންޖީވަނީ 2" އަންނަ މަހު ދައްކަން ފާށާނެއެވެ.

އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ދައްކަން ފަށާ މި ސިލްސިލާގެ ޕްރޮމޯތައްވެސް މިހާރުވަނީ ދައްކަން ފަށާފައެވެ.
ސަންޖީވަނީ އަކީ މެޑިކަލް ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ދިރިއުޅުމުގައި ދިމާ ކަންތައްތަކެއް ފެނިގެންދާ ސިލްސިލާއެކެވެ.

ސަންޖީވަނީ 2 ގެ މެއިން ކާސްޓުންނަކީ ސުރުބީ ޗަންދާ، މޯހްނިޝް ބާލް، ނަމިތް ކަންނާ، ގުރްދީޕް ކޯލް، ރޯހިތް ރޯއީ އަދި ސަޔަންތަނީ ގޯޝްއެވެ.

ޝޯގެ ލީޑް އެކްޓަރެސް ސުރުބީ ޗަންދާ އަކީ ސްޓަރ ޕްލަސް އިން މި އަހަރުގެ ކުރީކޮޅު ނިންމާލި "އިޝްޤު ބާޒް" ގެ ކަނިކާގެ ރޯލުން އާއްމުންގެ ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ ފަންނާނެކެވެ. ސުރުބީއާއި އެކު ލީޑު ފެނިގެންދާ ނަމިތް ކަންނާ އެންމެ ފަހުން ފެނިގެންދިޔައީ ސޮނީ ޓީވީން ގެނެސްދިން "ޔޭ ޕިޔާރު ނެހީ ތޯ ކިޔާ" އިން ވަކީލެއްގެ ރޯލަކުންނެވެ.

މިފަހަރުގެ ސީޒާން އިންވެސް ފެނިގެންދާ ގުރްދީޕް ކޯލް އަކީ ކުރީގެ ސަންޖީވަނީގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ފަރާތެކެވެ. މޯހްނިޝް ބާލްވެސް ވަނީ ސަންޖީވަނީގެ ފުރަތަމަ ސީޒަން އިން ފެނިގެން ގޮސްފައެވެ.

ސްޓަރ ޕްލަސް އިން މިހާރުވެސް އަންނަނީ 2000 ކުރީކޮޅު އެންމެ މަޝްހޫރުވި ޑްރާމާ ކަސޯޓީ ޒިންދަގީ ކީގެ ސީޒަން 2 ދައްކަމުންނެވެ.