ކުޅިވަރު

އައިއޯއައިޖީއަށް ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސްއަށް ފުރައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސްއަށް ފުރައިފި އެވެ.

މިމަހުގެ 19 އިން 28 ގެ ނިޔަލަށް މޮރިޝަސްގައި ބާއްވާ ދިހަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރީ މިއަދު ހެނދުނު މޯލްޑިވިއަންގެ ޗާޓަރ ފްލައިޓެއްގަ އެވެ. ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު ހެނދުނު ފުރިއިރު، މިފަހަރު އައިއޯއައިޖީގައި 116 އެތްލީޓުން ރާއްޖެ ތަމްސީލް ކުރާނެ އެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭއިން ވަނީ ނުވަ ކުޅިވަރެއްގައި ވާދަކުރަން ނިންމާފަ އެވެ. އެ ކުޅިވަރުތަކަކީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ސެއިލިންގ. އަދި މީގެ އިތުރުން މިފަހަރު ގޭމްސްގައި ރާއްޖެއިން ވަނީ ޕެރަލިމްޕިކް އިވެންޓުގައި ވާދަކުރަން ނިންމާފަ އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖޭން 15 މެޑަލް ހޯދުމަށް އެމްއޯސީން އަމާޒުހިފާފައިވާއިރު އެންމެ ފަހުގެ އައިއޯއައިޖީގައި ރާއްޖެއިން 8 މެޑަލް ހޯދި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާ އެތްލީޓަކީ ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ އަޙުމަދު ޒަބީރް އެވެ. 2015 ގައި އޮތް ނުވަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ދިހަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މޮރިޝަސްގައި ބާއްވާއިރު، 2023 ގައި އޮންނަ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިންކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަޙުލޫފު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސީޝެލްސް، މޮރީޝަސް އަދި ކޮމޮރޯސްއަށް ވަނީ ވަޑައިގެންފަ އެވެ.

2023 ވަނަ އަހަރު އައިއޯއައިޖީ ބާއްވާނެ ޤައުމެއް އިއުލާން ކުރާނީ މިއަހަރު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމުމުގެ ރަސްމީޔާތުގައި އެވެ.