ޚަބަރު

އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރިކަން ހުރި މިންވަރު ބެލުމަށް ދިރާސާއެއް ކުރަނީ


ރާއްޖޭގައި އިންސާނީ ޙައްޤުތަކާމެދު މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި "ދަ ރައިޓް ސައިޑް އޮފް ލައިފް ސަރވޭ" ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ދިރާސާއެއް ކުރަން ފަށައިފިއެވެ.

މި ދިރާސާއަކީ އިންސާނީ ޙައްޤުތަކާއި މެދު މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށާއި އެކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން މީހުންނަށް މަޢުލޫމާތު ލިބިފައިވާ މިންވަރު ދެނެގަތުމަށާއި، އަދި ގެވެށި އަނިޔާގެ މަޢުލޫމާތު ހުރި މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ދިރާސާއެއް ކަމަށް އެޗްއާރްސީއެމްއިންވެސް ބުނެއެވެ.

މި ސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި މޭލޭގެ އިތުރުން ރަށްރަށަށް ގޮސް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްއާރްސީއެމްއިން ބުނީ މަޢުލޫމާތު ހޯދުމަށް ގޭގެއަށް ޒިޔާރާތްކުރާއިރު އެކޮމިޝަނުގެ ދިރާސާއެއްކަން އަންގައިދޭ ލިޔުމެއްގެ އިތުރުން ކޮންބައެއްކަން އަންގައިދޭ ކާޑެއް ބޭނުންކުރާނެ ކަމަށެވެ. އަދި އެ ދިރާސާ ކުރިއަށް ގެންދިއުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދީ ތެދު މަޢުލޫމާތު ޙިއްޞާ ކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން ކުރިއަށް ގެންދާ މި ދިރާސާ ކުރިޔަށް ގެންދަނީ އަމިއްލަ ކޮންސަލްޓަންސީ ފަރމް އެއްކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެނެވެ.