މުނިފޫހިފިލުވުން

ބޮލީވުޑް: މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ފްލޮޕްވި 6 ފިލްމް


މިއަހަރަކީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ބުނެވިދާނެއެވެ. ފުލުފުލުގައި ތަފާތު ފިލްމްތައް އަޅުވަމުންދާއިރު، މީގެ ތެރޭގައި ބޮޑެތި ހިޓް ފިލްމްތަކެއްވެސް ހިމެނިފައިވެއެވެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ތަފާތު ރަހަތަކުގެ ފިލްމްތަކެއް ސްކީރާނާއި ހަމައަށް އައިސްފައިވެއެވެ.

ކާމިޔާބު ފިލްމްތަކާއި އެއްވަރަށް ބެލުންތެރިންގެ ސަމާލުކަން ލިބޭނެކަމަށް އުއްމީދުކުރެވުނު އެހެންނަމަވެސް ފްލޮޕްވި ފިލްމްތައްވެސް ވަކި މަދެއްނޫނެވެ. އޭގެ ތެރޭގައި ބޮޑު ބަޖެޓަކާއި، ބޮޑު ކާސްޓަކާއެކު ރިލީޒްކުރި ބައެއް ފިލްމްތައް ހިމެނެއެވެ.

އެގޮތުން މިފަހަރު މި ބަލާލަނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ބޮލީވުޑް ސްކްރީނަށް ނުކުތް ފިލްމްތަކުގެ ތެރޭގައި، ހީކުރިވަރުގެ ނަތީޖާއެއް ނުނެރެވުނު ނުވަތަ ފްލޮޕްވެގެންދިޔަ 6 ފިލްމަކަށެވެ.

1. އިންޑިޔާސް މޯސްޓް ވޯންޓެޑް

އިންޑިޔާސް މޯސްޓް ވޯންޓެޑް ރިލީޒްކޮށްފައިވަނީ 24 މެއި 2019 ގައެވެ.

އަރްޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ އިންޑިއާއާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަޙައްދުގައި 2013 ވަނަ އަހަރު ހިނގި ޙާދިސާ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެކްޝަން ތްރިލަރ ފިލްމެކެވެ. ފިލްމުގައި އަރްޖުންގެ އިތުރުން ސައުން އިންޑިއަން ފިލްމްތަކުން ވިދާލި ތަރިންކަމަށްވާ ސުދޭވް ނައިރާއި ރާޖޭޝް ޝަރުމާވެސް މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

37 ކްރޯޑް ރުޕީސްގެ ބަޖެޓަކާއެކު އުފެއްދި މި ފިލްމަށް ބޮލީވުޑް ބޮކްސް އޮފީހުގައި ލިބިފައިވަނީ އެންމެ 15 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. އަދި ފިލްމްތައް ރޭޓްކުރުމުގައި މަޝްޙޫރު އޮންލައިން ޑޭޓާ ބޭސް އައި.އެމް.ޑީ.ބީން މި ފިލްމަށް ދީފައިވަނީ 10 އިން އެންމެ 3.5 އެކެވެ.

2. އެކް ލަޅްކީ ކޮ ދޭކާތޯ އެއިސާ ލަގާ

އެކް ލަޅްކީ ކޮ ދޭކާތޯ އެއިސާ ލަގާ ރިލީޒްކޮށްފައިވަނީ 1 ފެބްރުއަރީ 2019 ގައެވެ.

އަނިލް ކަޕޫރުގެ މަޝްހޫރުވެގެން ދިޔަ ފިލްމް "1942 އަ ލަވް ސްޓޯރީ" ގައި ހިމެނޭ ލަވައެއްގެ ނަމުން ނަން ދީފައިވާ މި ފިލްމުގައި އަނިލް ކަޕޫރާއެކު ދެން ފެނިގެންދަނީ ފެނިގެންދަނީ އޭނާގެ އުފަން ދަރި ސޯނަމް ކަޕޫރާއި، ޖޫހީ ޗައުލާގެ އިތުރުން އިންޑިއާގެ ސިނަމާތަކުގައި މިހާރު އެންމެ ނަން ހިނގާ ރާޖުކުމާރު ރާއޯއެވެ. ޑްރާމާ ރޮމޭންސް ޖޯންރާއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ކޮންސެޕްޓާމެދު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް ފިލްމުގައި އަނިލް ދައްކުވައިދިން ރޯލަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ބޮޑު ކާސްޓަކާއެކު ޝެލީ ޗޯޕްރާ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ލިބިފައިވަނީ 44 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. އައި.އެމް.ޑީ.ބީގެ ރޭޓިންއަށް ބަލާއިރު މި ފިލްމަށް ލިބިފައިވަނީ 5.5 ކެވެ.

3. ސޮންޗިރިޔާ

ސޮންޗިރިޔާ ރިލީޒްކޮށްފައިވަނީ 1 މާރިޗު 2019 ގައެވެ.

ބާޣީންތަކެއްގެ ކިބައިން އިންޑިއާގެ އައްސޭރިފަށުގެ އަވަށެއް ސަލާމަތްކުރުމަށް ބަޔަކު ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ސުޝާންތް ސިންގް ރާޖްޕުތެވެ. އޭނާއާއެކު ބޫމީ ޕެދްނެކަރާއި މަނޯޖް ބަޖްޕަޔީ މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

އަބީޝެކް ޗައުބޭ ޑްރައިރެކްޓްކޮށްފައިވާ އެކަޝަން ފިލްމް "ސޮންޗިރިޔާ" ގެ ޕްލޮޓާއި ވާހަކައަށް ކްރިޓިކްސްގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބުނުނަމަވެސް މި ފިލްމަށް ބޮކްސް އޮފީހުގައި އެކަށީގެންވާވަރުގެ އަމްދަނީއެއް ލިބިފައެއްނުވެއެވެ. އައި.އެމް.ޑީ.ބީގެ ފަރާތުން ފިލްމަށް 7.5 ގެ ރޭޓިން ލިބިފައިވާއިރު ފިލްމަށް ލިބުނު ޢާމްދަނީ 10 ކްރޯޑް ރުޕީސްއަށްވެސް ނާރައެވެ.

4. ޖަންގްލީ

ޖަންގްލީ ރިލީޒްކޮށްފައިވަނީ 29 މާރިޗު 2019 ގައެވެ.

އިންސާނެއްގެ ހިތުގައި ޖަނަވާރުންނާމެދު އުފެދިފައިވާ ޙާއްސަ ލޯތްބާއި ޖަނަވާރުން ޝީކާރު ކުރުމާއި ދެކޮޅަށް ތެދުވާ ޒުވާނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ވިދްޔުތް ޖަމްވާއިއެވެ. އޭނާއާއެކު ދެން މި ފިލްމުން ފެނިގެންދާ ކާސްޓުންގެ ތެރޭގައި ޕޫޖާ ސާވަންތާއި، އާޝާ ބަޓް ހިމެނެއެވެ.

އެމެރިކާގެ ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޗަކް ރަސެލް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ 32 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. އައި.އެމް.ޑީ.ބީގެ ރޭކިންގ އަށް ބަލާއިރު މި ފިލްމަށް ލިބިފައިވަނީ 5.5 އެކެވެ.

5. ކަލަންކް

ކަލަންކް ސިނަމާތަކަށް ރިލީޒްކޮށްފައިވަނީ 17 އޭޕްރީލް 2019 ގައެވެ.

މިއީ އެންމެ ވަރުގަދަ ކާސްޓަކާއެކު މިއަހަރު ނެރުނު އެއް ފިލްމެވެ. ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ސަންޖޭ ދަތާއި، މަދޫރީ ދިކްސިތާއި، ވަރުން ދަވަންއާއި، އާލިއާ ބަޓްގެ އިތުރުން އަދިއްތިޔާ ރޯއީ ކަޕޫރާއި ސޮނާކްޝީ ސިންހާ ހިމެނެއެވެ. 1.5 ބިލިއަން ކްރޯޑް ރުޕީސްގެ ބަޖެޓަކާއެކު ތައްޔާރުކުރި މި ފިލްމް އަބީޝެކް ވަރްމާ ޑައިރެކްޓުކޮށްފައިވާއިރު، ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ކަރަން ޖޯހަރާއި ސަޖިދް ނަދިއަދްވާލާއެވެ.

ބޮލީވުޑްގެ ސުޕަރ ސްޓާރުންނާއި އަރަމުން އަންނަ ތަރިން ހިމެނޭ މެގަރ ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ ހުރިހާ ރަހަތަކެއް އެކުލެވޭހެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމާމެދު ކުރެވުނު އުއްމީދުތައް ބޮޑުވިއެއްކަމަކު މި ފިލްމަށްވެސް ޖެހުނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާށެވެ. ފިލްމް ބޮޑު ފްލޮޕަކަށްވުމަށް މެދުވެރިވީ މި ފިލްމް އިންޓަނެޓުގައި ބަޔަކު ލީކުކޮށްލުމުންކަމަށް އެއް ބަޔަކު ޤަބޫލުކުރާއިރު، ކްރިޓީކުންގެ ފަރާތުންވެސް މާ އެދެވޭ ތަރުޚީބެއް މި ފިލްމަށް ލިބިފައިނުވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ފިލްމުގައި ހިމެނޭ ލަވަތައް ވަނީ އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

މި ފިލްމަށް ބޮކްސް އޮފީހުން ލިބިފައިވަނީ 142 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. އަދި އައި.އެމް.ޑީ.ބީގެ ރޭކިންއަށް ބަލާއިރު ފިލްމަށް ލިބިފައިވަނީ 3.7 ކެވެ.

6. ސްޓޫޑެންޓް އޮފް ދަ އިޔަރ 2

2012 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް ސްޓޫޑެންޓް އޮފް ދަ އިޔަރގެ ދެވަނަ ބައި ރިލީޒްކޮށްފައިވަނީ 9 މެއި 2019 ގައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ޕުނިތް މަނޯތްރާ ޑައިރެކްޓްކޮށްފައިވާ ސްޓޫޑެންޓް އޮފް ދަ އިޔަރ 2 އިން ލީޑް ފިރިހެން ރޯލުން ޓައިގަ ޝްރޮފެވެ. އަދި އަންހެން ލީޑް ރޯލުތަކުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތަޢާރަފު ދެ މޫނުކަމަށްވާ އަނަންޔާ ޕާންޑޭއާއި ތާރާ ސުތާރިއާއެވެ. މިއީ މިއަހަރުގެ ފްލޮޕް ފިލްމްތަކުގެ ލިސްޓަށް އިތުރުވި ކަރަން ޖޯހަރުގެ 2 ވަނަ ފިލްމެވެ.

ކޮލެޖް ލައިފްގައި ދިމާވާ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުން 2012 ވަނަ އަހަރު ނުކުތް ފިލްމާއި ގާތަށްވެސް ބެލުންތެރިން ޝަޢުގުވެރިވާ ކަންތައްތަކެއް ގެނެސްދެވިފައިނުވާކަމަށް ބުނެ ފިލްމުގެ ވާހަކައަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 100 ކްރޯޑް ރުޕީސްއަށްވެސް ނާރާއިރު، އައި.އެމް.ޑީ.ބީގެ ފަރާތުންވެސް މި ފިލްމަށް ދީފައިވަނީ އެންމެ 2.1 އެކެވެ.