ވިޔަފާރި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ފޮނި އުންމީދުތަކެއް!


މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރާ ސިނާޢަތެއް ކަމުގައިވީނަމަވެސް، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ފާއިތުވި އަހަރުތަކުގައި ކަމާބެހޭ ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއް ދެވިފައިނުވާކަން މަސްވެރިން ފާހަގަކުރެއެވެ. މިކަމަށް ހައްލެއް ގެނެސް، މަސްވެރިކަމުގެ ސިނާޢަތަކީވެސް ދަޢުލަތަށާއި ރައްޔިތުންނަށް މަންފާ ލިބޭނެ ސިނާޢަތަކަށް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންދަވަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެންމެ މުހިއްމު ސަމާލުކަމެއްދޭ އެއް ސިނާޢަތެވެ. މަސްވެރިންގެ ޝަކުވާތައް އަޑުއަހައި އެކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމުގައި މިސަރުކާރުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހާޞިލުކުރަމުންނެވެ. ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމެވެ.

އެގޮތުން މަސްވެރިން ބާނާ މަސް އިސްރާފު ނުވާނެގޮތަކަށް، މަހަށް ހަމައަގު ލިއްބައިދިނުމަށް ވެފައިވާ ވަޢުދުގެ ދަށުން ދަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި މަހާއި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި ލިބޭ އެންމެ ބޮޑުއަގު ދިވެހި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައިވެސް މަސްވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި 8 ކަމެއް ހިމަނުއްވައި ގިނަ ކަންތައްތަކެއް ވަނީ ޙާސިލުކުރައްވާފައެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިސާގެ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން "މަސްވެރިޔާ ކާޑު" ތަޢާރަފުކުރުމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތަޢާރަފުކުރުމާއި، މަސްވެރިކަމަށް ނުކުންނަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ މަސްވެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމެކެވެ.

މި ސަރުކާރުން މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނެސްދެއްވާނެކަން ހާމަވާ އެންމެ މުހިއްމު އެއްކަމަކީ ދާދިފަހުން ގދ.ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށްޓެވެ. ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، އެކިއެކި ސިނާޢަތްތައް ކުރިއެރުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބާއްވާ މި ސިލްސިލާ ބައްދަލުވުމުގެ 3ވަނަ ބައްދަލުވުން ޙާއްސަކުރީ މަސްވެރިކަމުގެ ސިނާޢަތަށެވެ.

އެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ރައްޔިތުނަށް އުންމީދީ ތަޞައްވުރެއް ދެއްވާފައިވަނީ ދަޢުލަތުގެ އެންމެ މަތީވެރިޔާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިއީ މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުއްމީދެކެވެ.

ސަރުކާރުގެ ނޫ އިޤްތިޞާދުގެ ދަށުން ހާޞިލުކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން މުހިއްމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢާތުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލުމާއި، ކަނޑުރޯދީގެ ތަނަވަސް މަންފާ ހޯދައިދިނުމަށްޓަކައި ދިވެހި މަސްވެރިން ބާނާ މަސް، ސީދާ ބޭރުގެ މާކެޓަށް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ކަންނެލީގެ މަސްވެރިކަން ފުޅާކުރުމަށްޓަކައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމްތަކެއް ޤާއިމުކޮށް، ތެލާއި އައިސް އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް މި ސަރުކާރުގެ ސިޔާސަތެކެވެ.

ހަމައެހެންމެ އަމިއްލަ ރަށުގައި ތިބެގެންވެސް މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، އެތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި އަމިއްލަ ފަރާތްތަކަށް މެރިކަލްޗަރއާއި ގުޅުންހުރި ތަފާތު މަސައްކަތްތައް ކުރުމަށް ލޯނުދޫކުރުމާއި ފަރުމަސްވެރިކަމާއި އެންވެރިކަން ރަނގަޅުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތަފާތު ތަމްރީން ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވެއެވެ.