ވިޔަފާރި

ޓްރާންސްޝިޕްމަންޓް ބަނދަރުގެ ކޮންސަލްޓަންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި


ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިކަމަށް ޕްރޮޕޯޞަލް ހެށަހެޅުމުގެ ދަޢުވަތުގެ މުއްދަތު އޮގަސްޓުމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީި ކޮންސަލްޓަންސީ މަސައްކަތުގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީ ކުރުމަށްޓަކައި ސްކޯޕިންގ މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓް އެކުލަވައިލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރާނެ ފަރާތެއް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި މަސައްކަތުގެ އަގަށް ބެލުމަށްފަހުކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ބޭނުން ވަނީ ބޭރުގެ ކުންފުނިތަކާއި ދިވެހި ކުންފުނިތައް ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ކަމަށާއި، މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާއިރު އެކަމަށް ރިޢާޔަތްކުރާނެކަމަށެވެ.

މިދިޔަމަހު ބޭއްވި ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން ޕީއެސްއެމް ނިއުސަށް ދެއްވި އިންޓަރވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޓްރާންޝިޕްމަންޓް ބަނދަރުތަކެއް ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް ފައިދާކުރާނެ ކަމެއްތޯ ބެލުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ޓްރާސްޝިޕްމަންޓް ބަނދަރުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މީގެކުރީ ސަރުކާރުންތަކުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރީގެ ރައީސް ވަޙީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ތަރައްޤީކުރުމަށް މަޝްވަރާތަކެއްކޮށް، ދިރާސާތަކެއްކުރިއެވެ.