ޚަބަރު

ޓެކްސީ މީޓަރު އެޕްލިކޭޝަން ހެދުމަށް 5 ކުންފުންޏަކުން އެދިފައިވޭ - މިނިސްޓަރ ނަހުލާ


ޓެކްސީ މީޓަރު އެޕްލިކޭޝަންގެ ޚިދުމަތް ދިނުމަށް 5 ފަރާތަކުން އެދިފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން މީދިއާއަށް މަޢޫލޫމާތުދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ އެޕްލިކޭޝަން ހެދުމަށް ހުޅުވާލުމުން 21 ފަރާތަކުން މައުލޫމާތު ސާފުކުރިކަމަށެވެ. އަދި 5 ފަރާތަކުން ޚިދުމަތް ދިނުމަށް އެދިފައިވާއިރު މިީގެތެރެއިން 3 ކުންފުންޏަކީ ރާއްޖެއިން ބޭރުގެ ކުންފުނިތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"5 ކުންފުނީގެ ތެރެއިން 2 ކުންފުންޏަކީ ރާއްޖޭ ކުންފުނި. އަނެއް ތިން ކުންފުންޏަކީ ލަންކާ ތިން ކުފުނި. އެއް ކުންފުންޏަށް ދިނުމުގެ ވިސްނުމެއް ނެތް. ބޭނުންވަނީ ކުންފުނިތައް އިތުރުކޮށް، ވާދަވެރިކަން އިތުރުކުކޮށް ޚިދުމަތް ރަނގަޅުކުރުން." މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މީޓަރު ޓެކްސީ ބޭނުންކުރަން ފެށުމުން ނަގާނެ އަގުތަކާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި އިދާރަތަކާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރާނީ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނާއި މަޝްވަރާ ކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަގުތައް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަގު ހަދާއިރު ޑްރައިވަރުންގެ އަޑު އަހާނަން، މުއައްސާތަކާއިއެކު މަޝްވަރާކުރާނަން. ޕޭޕަރެއް މިހާރުވަނީ ތައްޔާރު ކުރެވިފައި، ވަރަށް އަވަހަށް ކެބިނެޓަށް ހުށައަޅާނަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޓެކްސީތަކުގައި މީޓަރު ހަރުކޮށް، އަގުނެގުމުގެ ވާހަކަތައް ފެންމަތިވީ ބްރިޖް ހުޅުވާލުމާއެކު މާލެއާއި ހުޅުލެއާއި ހުޅުމާޅެއާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް ބޮޑުއަގުގައި ކުރަންފެށުމުންނެވެ.

ނަމަވެސް މިކަން ޙައްލުކުރުމަށް މީޓަރު ހަރުކުރުމަށް ނިންމައި، އެޕްލިކޭޝަންގައި ހުންނާނެ ފީޗަރތައްވެސް މިިނިސްޓްރީއިންވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެކްސީ ދަތުރުކުރާ ވަގުތު އަންގައިދިނުމާއި، ދަތުރުގެ ދިގުމިނަށް މީޓަރަށް ބަލައި ފައިސާ ނަގާނެ އަދަދާއި، ޓެކްސީ ދަތުރުކުރި މިންވަރު ފަދަ ކަންކަން އެނގޭނެ ގޮތް ހުރުން ހިމެނެއެވެ.

މިނިސްޓްރީއިން މީގެކުރިން ވިދާޅުވެފައިވަނީ މީޓަރު ހަރުކުރަން ފެށުމުން ބޭނުން ނުކުރާ ޓެކްސީތައްވެސް ދެނެގަނެވޭނެކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީއާއި ގުޅޭ ބައެއް މަޢުލޫމާތައް މިނިސްޓްރީއިން ބެލޭގޮތަށް ހަދާނެކަމަށްވެސް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.