ޚަބަރު

ސަމާލުވޭ، ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވޭ


ދެކުނާއި މެދު ރާއްޖޭގެ ރަށްތަކަށް އުދައަރަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ އުދައިގެ އަސަރުކޮށްގެން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ އދ.ފެންފުއްޓާއި ގދ.ފަރެސްމާތޮޑާއާއި ރަތަފަންދުއާއި ހޯނޑެއްދުއާއި މަޑަވެއްޔާއި ވާދުއާއި ފިޔޯރީއާއި ނަޑެއްލައާއި ފ.ނިލަންދޫއާއި، ތ.ގާދިއްފުއްޓާއި ދިޔަމިގިއްޔާއި، ލ.މާވަށުގެ އިތުރުން ސ.މަރަދޫފޭދޫއިންކަމަށެވެ.

އޭނާ ވިދާޅުވީ އުދަ އަރަމުންދިޔަނަމަވެސް އަދި މިހާތަނަށް އެއްވެސް ރަށަކުން ގެއަށް ފެންވަދެ މުދަލަށް ގެއްލުންވަމުންދާކަމުގެ ރިޕޯޓެއް ކޮށްފައިނުވާކަމަށެވެ. މިހާތަނަށް އުދައިގެ އަސަރު ގޭގެއަށް ކޮށްފައިނުވިނަމަވެސް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ގޭގެއަށް ލޮނު ނުވަންނާނެހެން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސަބަކަށްވެސް ވައިޖެހޭނީ އާއްމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށްވެސް މެޓު އޮފީހުން ބުނެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކުރިއަށްއޮތް 24 ގަޑިއިރު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާއިރު މީގެތެރެއިން ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް މޫސުމަށް ސަމާލުވެ ދަތުރުކުރުމަށާއި އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.