ސިޔާސީ

ގަވަރނަރ ނަސީރާއި އަޝްރަފު ކޮމެޓީއަށް ހާޒިރުކުރަނީ


އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ގަވަރނަރ އަޙްމަދު ނަސީރު ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގަވަރނަރ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިނގި މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ކުރި މަސައްކަތްތަކަކަށް ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވާ އެ މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ހުރަސްއެޅިކަމަށް ބުނެ އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވަނީ މިދިޔަ ހަފްތާގައި ހުށައަޅާފައެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށައެޅީ އެފްއައިޔޫ ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި ޢަބްދުﷲ އަޝްރަފެވެ. އެނާ ކޮމެޓީއަށް ފޮނުވި ސިޓީއެއްގައި ވަނީ ގަވަރނަރ އަޙްމަދު ނަސީރުގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތުކެއް ކުރައްވާފައެވެ.

މި ތުހުމަތުތަކުގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އޭސީސީއާއެކު އެމަނިކުފާނު އެސްކްރޯ އެކައުންޓެއް ހުޅުވި މައްސަލަ އެފްއައިޔޫއިން ބަލަން ފަށާ އޭސީސީގެ އޭރުގެ ރައީސް ޙަސަން ލުޠުފީއާއި ހިއްސާކުރެއްވިކަމާއި، އެކަމުގައި އެމްއެމްއޭގެ ގަވަރުނަރު ނަޞީރު ހިތްހަމަޖެހިވަޑައިނުގަތްކަމަށާއި އެކަމަށް ހުރަސްއެޅިކަމަށް ވެސް އަޝްރަފު ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލަ ފުުލުހުންނަށް ރިޕޯޓްކުރުމުން ވަޒީފާއިން އިސްތިއުފާ ދިނުމަށް ނަސީރު ޕްރެޝަރުކުރިކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރައީސް ޔާމީނާއި ގުޅުންހުރި މައްސަލައެއް ރިޕޯޓްކުރުމަކީ ހާލަތާއި ނުބައްދަލުކަމެއްކަމަށް ބުނެ އެ ރިޕޯޓް ހުށައެޅިޔަ ނުދޭން ނުފޫޒު ފޯރުވިކަމަށްވެސް އަޝްރަފުގެ ސިޓީގައިވެއެވެ.

މި ސިޓީއާއި ގުޅިގެން ގަވަރނަރ އަހްމަދު ނަސީރުވެސް ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ގަވަރނަރ ނަސީރުގެ މައްޗަށް އަޝްރަފު ކުރައްވާފައިވާ ތުހުމަތުތައް ނަސީރު ދޮގޮކުރައްވާފައިވާކަމަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ. އަދި ނަސީރުގެ ސިޓީގައިވެސް އަޝްރަފުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.

އަޝްރަފްގެ ސިޓީއަށް ރައްދުދެއްވާ ގަވަރުނަރު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެފްއައިޔޫގެ ވެރިޔަކަށް އަޝްރަފް ހުންނެވި ދުވަސްވަރު އެ ޔުނިޓަށް ހުށައަޅާފައިވާ މައްސަލަތަކާމެދު ޢަމަލުކޮށްފައިވަނީ ޤަވާއިދާއި ޚިލާފަށްކަމަށެވެ. އެގޮތުން އެފްއައިޔޫއަށް ހުށައަޅާފައިވާ މައްސަލަތައް މިނިވަންކަމާއެކު އެއްވެސް ނުފޫޒެއްނެތި ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ޔުނިޓަށް ހުށައަޅާފައިވާ ޝައްކުކުރެވޭ މޫޢާމަލާތްތައް ތަޙްޤީޤީ އިދާރާތަކަށް ނުފޮނުވާ ގަސްތުގައި އަޝްރަފް ލަސްކޮށްފައިވާކަމަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރިކަން އެފްއައިޔޫއަށް އެނގިހުރެ ތަޙްޤީޤީ އިދާރާތަކަށް ނުފޮނުވާ ލަސްކޮށްފައިވާއިރު، އެ މުޢާމަލާތްތަކަށް ފިޔަވަޅު ނާޅާ އޮތްކަން އެނގިފައިވަނީ އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރަކުކަމަށް ބުނެފައިވެއެވެ.

މި މައްސަލާގައި ކޮމިޓީގެ މެންބަރުން ވަނީ ދެބޭފުޅުން އެކަކު އަނެކަކެއްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށްފައިވާއިރު މިއީ ޙައްސާސީ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދެބޭފުޅުންގެ ވާހަކަތައްވެސް ކޮމިޓީން އަޑުއެހުން މުހިންމުކަމަށް މެންބަރުންވަނީ ވިދާޅުވެފައެވެ. އަދި މެންބަރުން އެއްބަސްވެފައިވަނީ އަންނަ އާދީއްތަ ދުވަހު ގަވަރުނަރު އަޝްރަފާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އަޝްރަފް ކޮމިޓީއަށް ޙާޒިރުުރުމަށެވެ. މިގޮތަށް ނިންމީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.