ވިޔަފާރި

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި


ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ، ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ހޮސްޕިޓާލިޓީ ދާއިރާއަށް ބޭނުންވާ އެކި ބާވަތްތަކުގެ ތަކެތި މާކެޓްކުރާ ފަރާތްތަކަށާއި އެދާއިރާގައި މަސައްކަތްކުރާ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މި އެކްސްޕޯ އިންތިޒާމްކުރާ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ މި އެގްޒިބިޝަނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ ޚިދުމަތްތައް މާކެޓްކުރުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެއްކަމަށެވެ. އެގޮތުން ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހޯލްސޭލް ރީޓެއިލް ވިޔަފާރިގައި ހަރަކާތްތެރިވާ ފަރާތްތަކުން މި އެކްސްޕޯގައި ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެފްއޭއެޗްއެމްއަކީ ރާއްޖޭގެ ޓޫއަރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ އެކި ކަހަލަ ކަންކަން މާކެޓްކޮށްދޭ ޕްލެޓްފޯމެއް. ކާބޯތަކެތިން ފެށިގެން ރިސޯޓުތަކުގައި ބޭނުންކުރާ އެކި ސާމާނުތައް މި އެގްޒިބިޝަން މެދުވެރިކޮށް މާކެޓްކުރެވިގެންދާނެ." މަރިޔަމް ނޫރުއްދީން ވިދާޅުވިއެވެ.

މިއަހަރުގެ އެކްސްޕޯގައި މިދާއިރާގައި ހަރަކާތްތެރިވާ 150 ފަރާތަކުން ބައިވެރިވާއިރު މި އެކްސްޕޯގެ އެންމެ ޚާއްސަ އެއް ބަޔަކީ ޝެފުންގެ ހުނަރު ދައްކާލާ ކަލިނަރީ ޗެލެންޖްއެވެ. 4 ދުވަހަށް ކުރިއަށްދާ މި ޗެލެންޖުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ޝޭފުން ބައިވެރިވެއެވެ.

މަރިޔަމް ނޫރައްދީން ވިދާޅުވީ މި ޗެލެންޖުގެ މައިގަނޑު މަޤްސަދަކީ ޝެފުންގެ ހުނަރު އިތުރުކޮށް އެމީހުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ ފުރުސަތުތައް ހޯދައިދިނުންކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހިން މިދާއިރާގައި ކުރިއަރައި ރާއްޖެއަށް ރަނގަޅު ނަމެއް ހޯދައިދިނުމަކީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުން އެޝެފުންގެ ކިބައިގައި ހުރި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ. އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގައި ވެސް ދިވެހި ޝެފުން މަދުކަން. އަޅުގަނޑުމެންގެ މައިގަނޑު މަޤްސަދަކީ މިކުދިންގެ ހުނަރުތައް ދައްކާ އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކަށް ވެސް މިހުނަރުތައް ދެއްކުން. " މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

20 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދާ ކަލިނަރީ ޗެލެންޖުގައި އިންސާފުކުރުމަށް 10 ޝެފުން ހިމެނޭ ޖަޖިންގ ޕެނަލްއެއް ހަމަޖައްސާފައިވެއެވެ.

މި މުބާރާތުގެ އެކި ކެޓަގަރިތަކުން އެއް ވަނަ ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން އެންމެ މޮޅު ޝެފް އަދި އެންމެ މޮޅު ދިވެހި ޝެފް ހޮވާނެކަމަށްވެސް ޝެފް ގިލްޑް އޮފް މޯލްޑިވްސް އިން ބުނެއެވެ.

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ކަލިނަރީ ޗެލެންޖުގައި ކާބޯތަކެތި ތައްޔާރުކޮށް ޚިދުމަތްދޭ 400 އަށްވުރެ ގިނަ ފަންނާނުން ބައިވެރިވާކަމަށް ޝެފް ގިލްޑް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. މިއީ މި އެކްސްޕޯ ބާއްވާ 5 ވަނަ އަހަރެވެ.