ޚަބަރު

ރާއްޖެއަކީ މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ދަރިފުޅަށް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅައިފި


ދިވެހި ރާއްޖެއަކީ މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ދަރިފުޅަށް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައިފިއެވެ.

ރާއްޖެއަކީ މައިމީހާގެ ފަރާތުން މިބަލިތައް ދަރިފުޅަށް ވާސިލުނުވާކަމަށް ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ 2 ވަނަ ޤައުމެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ ރަސްމީ ލިޔުން ރާއްޖެއާއި ޙަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގއެވެ. ރާއްޖޭގެ ފަރާތުން މި ލިޔުމާއި ޙަވާލުވެވަޑައިގަތީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މައިމީހާގެ ފަރާތުން އެޗްއައިވީއާއި ސިފިލިސް ދަރިފުޅަށް ވާސިލުވުން ހުއްޓުވުމަށް ރާއްޖެއިން މަސައްކަތްފަށާފައިވަނީ 2014 ވަނަ އަހަރެވެ. އެގޮތުން މިކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މުޅި ރާއްޖެ ހިމެނޭހެން މިބަލިތަކާއި މާބަނޑު މީހުންގެ ޙާލަތު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ފާހަގަކުރެއެވެ. ޑަބްލިއުއެޗްއޯގެ ސްޓޭންޑަރޑަށް ރާއްޖެއިން ވާސިލުވެ އެކަން ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ރިޕޯޓެއް ރާއްޖެއިންވަނީ މިދިޔަ އަހަރު ޑަބްލިއުއެޗްއޯއަށް ހުށައަޅާފައެވެ.