ޚަބަރު

އީޔޫގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒްއާއި ބައްދަލުކުރައްވައިފި


ޔޫރަޕިއަން ޔޫނިއަންގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރ ޖިލްސް ޑި ކަރްކޯވް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ކޯޑިނޭޓަރ ކަރްކޯވްއަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވީތީ މަރުޙަބާ ދަންނަވާފައެވެ.

އަދި އީޔޫ އާއި ދިވެހިރާއްޖެއާއި ދެމެދު ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ ޚަލީލުގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، މިނިސްޓްރީގެ ޑިރެކްޓަރ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަތެވެ.

އީޔޫ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރ ކަރްކޯވްގެ އަރިހުގައި ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުން ލައި މާގު، ޔޫރަޕިއަން ޔޫނިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީ.އީ.އޭ.އެސް)ގެ ހެޑް އޮފް ކައުންޓަރޓެރަރިޒަމް ޑިވިޝަން ޖޯން ގެޓްރަޓާ، އީ.އީ.އޭ.އެސްގެ ޑެޕިއުޓީ ހެޑް އޮފް ސައުތު އޭޝިއާ ޑިވިޝަން އީވޯ ޝޫޓް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރ ކަރްކޯވް ދިވެހިރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޓެރަރިޒަމް ހުއްޓުވުމަށް އީޔޫ އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ބެހޭ ގޮތުން ޚިޔާލުބަދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.