 
					
									
			އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލާ އެތުލީޓަކަށް ޤައުމީ ބާސްކެޓްބޯޅަ ޓީމްގެ އަޙުމަދު ޒަބީރު ހޮވައިފިއެވެ. 
10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާ އެތްލީޓް އަޙުމަދު ޒަބީރަށް ދިދަ ހަވާލްކޮށްދެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއެވެ. 
އަޙުމަދު ޒަބީރަކީ ރާއްޖެއިން ބާސްކެޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީކަމަށްވާ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކޮށް ރިހި މެޑަލް ހޯދި ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާވަނީ ޖެހިޖެހިގެން ހަ ފަހަރު ޤައުމީ ބާސްކެޓްބޯޅަ ލީގުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. 
2015 ގައި އޮތް 9ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. 
މިމަހު 18 އިން 28 އަށް މޮރިޝަސްގައި ބާއްވާ މިގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނެވެ. މިއަހަރުގެ ގޭމްސްގައި ރާއްޖޭއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ސެއިލިންގއެވެ.
ގޭމްސްގައި ރާއްޖޭން 15 މެޑަލް ހޯދުމަށް އެމްއޯސީން އަމާޒުހިފާފައިވާއިރު އެންމެ ފަހުގެ އައިއޯއައިޖީގައި ރާއްޖެއިން އަށް މެޑަލް ހޯދިއެވެ.