ކުޅިވަރު

ބާސެލޯނާ އަށް އާދެވުމުން ވަރަށް އުފާވެއްޖެ: ގްރިޒްމަން


ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެނަމަ އެންޓޮއިން ގްރިޒްމަން ބުނެފި އެވެ.

2014 ވަނަ އަހަރުން ފެށިގެން އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ފޯވަޑް ބާސެލޯނާ އަށް ބަދަލުވީ އެތްލެޓިކޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ގަނެގެންނެވެ.
ގްރިޒްމަން ބުނީ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށާއި އެ ކުލަބަށް އާދެވުމުން އޭނާ އަށް ބުނެދޭން ވެސް ނޭނގޭ އުފާވެރިކަމެއް އިހުސާސް ކުރެވޭ ކަމަށެވެ.

"އަހަރެން ވަރަށް ވަރަށް އުފާވެއްޖެ. އަހަރެން މިހުރީ ބާސެލޯނާގައި ކުޅެން ފަށައިގަތުމަށް ކެތް މަދުވެފައި. ބާސެލޯނާގައި ކެޕްޓަން ލަޔޮނަލް މެސީއާއެކު ކޮންމެ ދުވަހަކު ފަރިތަކުރުމަކީ ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމެއް. އަދި މީގެ ކުރިން އޭނާއާ ދެކޮޅަށް ކުޅުމަކީ އެތައް ގޮތަކުން މޯޓިވޭޓްވާ ކަމެއް. މިހާރު އަހަރެމް މިހުރީ ބާސެލޯނާ އަށް ކާމިޔާބު ހޯދައިދޭން ތައްޔާރަށް،" ގްރިޒްމަން ބުންޏެވެ.

އޭނާ ބާސެލޯނާ އަށް ބަދަލުމިވީ މިދިޔަ އަހަރު އެކުލަބާ ގުޅެން ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހު އެވެ. މިކަމާހެދި ބާސެލޯނާގެ ސަޕޯޓަރުން ތިބީ އޭނާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. މިހެންވެ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލުމުގެ ރަސްމިއްޔާތަށް ސަޕޯޓަރުން ނުވައްދަން ކުލަބުންވަނީ ނިންމައިފަ އެވެ.

ފަސް އަހަރު ބާސެލޯނާގައި މަޑުކޮށްފިނަމަ ގްރިއެޒްމަނަށް ފަހު އަހަރު 25 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. ފުރަތަމަ ދެ އަހަރު ލިބޭނީ 18 މިލިއަން ޔޫރޯ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ދެ މިލިއަން ޔޫރޯ އިތުރުވާގޮތަށް އޭނާގެ ކޮންޓްރެކްޓްވަނީ ބައްޓަންކޮށްފަ އެވެ.

ކޮންޓްރެކްޓް ނުނިމެނީސް އޭނާ ވިއްކާނެ އަގަކަށް ހަމަޖައްސާފައިވަނީ 800 މިލިއަން ޔޫރޯ އަށެވެ.