ކުޅިވަރު

އައިއޯއައިޖީގައި ވާދަކުރާ ސްވިމިންގ ޓީމު އިޢުލާންކޮށްފި


ހުކުރު ދުވަހު މޮރީޝަސްގައި ފެށުމަށް ތައްޔާރުވަމުންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ސްވިމިން ޓީމް ޢިއުލާންކޮށްފި އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ހަ ފެތުންތެރިންނަކީ ޢާއިޝަތް އުލްޔާ ޝާއިގް، ހަމްނާ ޢަހުމަދު، އަޙުމަދު އައްޒާމް ޒާހިދް، ޙުސައިން ހައިޝް ހަސަން، މުޙައްމަދު އާން ޙުސައިން އަދި މުޙައްމަދު ޖޫދް ފަޔާޒް އެވެ. ޓީމުގެ ކޯޗަކީ އަޙުމަދު ފިރާޝް އަފީފް އެވެ. ޓީމާއެކު ދަތުރުކުރާ ރެފްރީއަކީ ޙުސައިން ސިރާރު އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ޓީމް ގެންދަނީ އިންޑިއާގެ މައިސޫރުގައި ޚާއްސަ ތަމްރީނުތަކެއް ހޯދަމުން ނެވެ. އައި.އޯ.އައި.ޖީ އަށް ޚާއްސަކޮށްގެން ޕީއެސްއެމްއިން ގެނެސްދޭ "މި ފަހަރުވެސް ގޯލްޑް" ޕްރޮގުރާމްގައި ވާހަކަދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނާއިބު ރައީސް އިސްމާޢިލް ޢަލީ ވިދާޅުވީ، ގޭމްސްގައި ވާދަކުރާ ޤައުމީ ޓީމުގައި އެންމެ މުހިންމު ހަތަރު ފެތުންތެރިން ނުހިމެނޭ ކަމަށާއި، އެހެންކަމުން މެޑަލް އަކަށް އަމާޒު ހިފޭވަރަށްވުރެ އިދިކޮޅުން ވާދަކުރާ ފެތުންތެރިންގެ ފެންވަރު ރަނގަޅުވާނެކަމަށެވެ.

ނަމަވެސް މިޓީމަކީ ޒުވާން ޓީމަކަށްވެފައި މުސްތަޤުބަލަށް ވިސްނާނަމަ ގޭމްސްއިން މި ޓީމަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށްވެސް އިސްމާއިލް ޢަލީ ވިދާޅުވި އެވެ.