ކުޅިވަރު

ޒުވާން ކުޅުންތެރިންތަކަކާއެކު ޤައުމީ ޓީމުގެ ސްކޮޑް އިޢުލާންކޮށްފި


ޒުވާން ކުޅުންތެރިންތަކަކާއެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އިޢުލާންކޮށްފި އެވެ.

މިމަހު 16 އިން 27ގެ ނިޔަލަށް މޮރިޝަސްގައި އޮންނަ އައިއޯއައިޖީއަށް މިފަހަރު ނެގި ޓީމުގައި ޒުވާން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން އެންމެ ފަހުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނޭ ހަތް ކުޅުންތެރިއަކު މިފަހަރު ނެގި ޓީމުގައި ހިމެނިފައެއް ނުވެއެވެ.

އައިއޯއައިޖީގެ ސްކޮޑުގައި ހިމެނި ސީނިއާ ޓީމުން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަކީ، އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް އައިސަމް އަދި ށ. ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް އެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިމަހުގެ ދިހަ ވަނަ ދުވަހު އެވެ. ކޯޗު ސެގާޓް ބުނީ ޓީމް އެކުލަވާލަން ބެލިއިރު، ޓީމުގެ ކުޅުންތެރިން ފިޓްނަސްއެއް ނޭނގޭކަމަށާއި، ލީގު ނުފަށާތީ އެއްވެސް ކުޅުންތެރިއެއްގެ ފޯމެއްވެސް ނޭނގޭކަމަށެވެ. ސާފް ސުޒުކީ ކަޕަށްފަހު މިދިޔަ ސީޒަންގެ ފަހުކޮޅު ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައި އާ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތުދީފައިވާނެކަމަށް ކޯޗު ބުންޏެވެ. ކޯޗު ބުނީ މިވަރުގެ ވަރުގަދަ ގޭމްސްއަކަށް ތައްޔާރުވާން އެންމެ ފަސް ދުވަސް އެއީ ވަރަށް މަދު މިންވަރެއްކަމަށާއި، އެކަމަކު މުބާރާތާއިމެދު އުއްމީދު އެބައޮތްކަމަށެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމަށް ސީޝެލްސްގައި ޤައުމީ ޓީމު ކޭމްޕް ކުރުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އެފްއޭއެމުންވަނީ ތަމްރީން ކޭމްޕް ނުދާގޮތަށް ނިންމާފައެވެ. ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު އަޙުމަދު ޝާކިރު ބުނީ ސީޝެލްސްއަށް ތަމްރީން ދިޔުމަށް ކުރިން ނިންމި ނަމަވެސް ނުދާގޮތަށް ނިންމީ ތައްޔާރުވާން ލިބުނު ދުވަސް މަދުވުމުންނާއި، ސީޝެލްސްގައި ފެންވަރު ރަނގަޅު ތަމްރީން ވަސީލަތްތައް ނެތުމުންކަމަށެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅައިގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ރީޔޫނިއަން، މަޔޯޓެ އަދި ކޮމޮރޯސް އެވެ.

ފުޓްބޯޅަ ޓީމު މޮރިޝަސް އަށް ދާން މާދަމާ ފުރާނެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ރީޔޫނިއަން ދެކޮޅަށެވެ.