ޚަބަރު

ކުޅުދުއްފުށީ "ވާނެ " ކޭމްޕް ނިންމާލައިފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނީ އެމްޕަވަރމަންޓް އާއި ޔޫއެންޑީޕީ ގުޅިގެން މިމަހުގެ 7އިން 13އަށް އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި "ވާނެ" ކޭމްޕް ނިންމާލައިފިއެވެ.

އުމުރުން 16 އަހަރާ 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް ބޭއްވި މިކޭމްޕްގައި 22 ކުދިންވަނީ ބައިވެރިވެފައެވެ. މިކޭމްޕްގައި ފުޓުބޯޅައިގެ ހުނަރުތަކުގެ އިތުރުން ދިރިއުޅުމުގައި ބޭނުންކުރެވޭނެ މުހިންމު އެހެނިހެން ހުނަރުތަކާބެހޭ މަޢުލޫމާތުވެސްވަނީ ބައިވެރިންނަށް ދީފައެވެ. އެގޮތުން ދިރުއުޅުމުގެ އެކި ކަންކަމާ ވަޒީފާގެ މައިދާނަށް އެކުދިން ތައްޔާރުކޮށްދިނުމަށް ބައްޓަން ކުރެވިފައިވާ ޝެސަންތަކެއްވެސް ހިމެނެއެވެ.

ޔޫއެންޑީޕީން މަޢުލޫމާތު ދެއްވިގޮތުގައި އެއްވެސްމީހަކު ބާކީކުރުމަކާނުލައި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމާއި، އަންހެނަކަށްވިޔަސް ކޮންމެ ކަމެއްވެސް ކުރެވިދާނެކަން އަންގައިދުނުމުގެ ގޮތުން ކުޅިވަރަކީ އަންހެނުން ބާރުވެރިކުރެވިދާނެ އެއްޗެއްކަމަށެވެ. އެގޮތުން ފުޓުބޯޅައިގެ ޒަރިއްޔާއިން އެތަކެއް އަންހެން ކުދިންނަށް ހިތްވަރު ލިބިގެންދާކަމަށެވެ. ފުޓުބޯޅަފަދަ ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުންނަށް ކުޅެވޭ ކުޅިވަރުތަކެއްކަމަށް ދެކިފައި އޮންނައިރުވެސް އެފަދަ ކުޅިވަރުތަށް އަންހެނުންނަށް ކުޅެވެންޏާ ކޮންމެ ކަމެއްވެސް ކުރެވޭނެކަމަށް ގަބޫލްކުރެވޭތީކަމަށެވެ. އެހެންކަމުން އެފަދަ ކުޅިކަރުތަކުގެ ޒަރިއްޔާއިން އަންހެންކުދިން ބާރުވެރިކުރުވާ ތަފާތު ކަންކަމުގައި އެކުދިންނަކީ ކެރޭބަޔަކަށް ހެދުންކަމުގައި އެފަރާތުން ބުނެއެވެ.

މިކޭމްޕްގެ ބައިވެރިންބުނިގޮތުގައި މިއީ އެކުދިންގެ މިކޭމްޕްގެ ސަބަބުން އެކުދިންނަށް ދިރިއުޅުމުގެ ދިމާވާ މައްސަލަތަށް ހައްލުކުރާނެ ގޮތް ދަސްވިކަމަށާއި އަދި އަންހެނުންގެ އަޑު އިއްވާނެގޮތް ދަސްވެއްޖެކަމަށެވެ.