ޚަބަރު

"ވުމަން އޮފް ދަ އިޔަރ" އެވޯޑް މަރިޔަމް ވަހީދާއަށް


ވިމެން އިން މެނޭޖްމެންޓުން ދިވެހި އަންހެނުންނަށް ޚާއްސަކޮށްގެން ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019"ގެ ވުމަން އޮފް ދަ އިޔަރ އެވޯޑް މަރިޔަމް ވަހީދާއަށް ލިބިއްޖެއެވެ. މަރިޔަމް ވަހީދާއަކީ 42 އަހަރު ވަންދެން ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައިވާ ކަނބަލެކެވެ.

މި މިއަހަރުގެ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް"ގައި 4 ކެޓަގަރީއަކުން 30 އެވޯޑު ވަނީ ދީފައެވެ. އެއީ ކެރިއަރ އެވޯޑު ކެޓެގަރީ، ބިޒްނަސް އެވޯޑު ކެޓެގަރީ، ޕްރޮފެޝަނަލް ކެޓަގަރީ އަދި ސްޕެޝަލް ކެޓެގަރީންނެވެ. މިގޮތުން މިދާއިރާތަކުގެ ތެރެއިން ރެކޮގްނައިޒޭޝަން އެވޯޑް 3 ފަރާތައެއް ވަނީ ހޯދާފައެވެ. މެރިޓް އެވޯޑް 5 ފަރާތަކަށް ލިބިފައިވާއިރު، ގޯލްޑް އެވޯޑް ވަނީ 19 ފަރާތެއް ހޯދާފައެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް ދިނުމަށް ބޭއްވި ހަފްލާގައި ވަނީ ވަޒީފާގެ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުންނަށް ހިތްވާރުދޭ ކުންފުނިތައް ފާހަގަކޮށް އެވޯޑް ދީފައެވެ. މި ގޮތުން މިއަހަރު މި އެވޯޑް ހާސިލުކޮށްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި އެލައިޑް އިންޝުއަރެންސްއެވެ. ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2019"އަށް މިއަހަރު 75 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. މިއީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް ބޭއްވި ދެވަނަ ފަހަރެވެ.

މި އެވޯޑަކީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އަދި މިއެވޯޑަކީ ޤައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްޢިއްޔާއެކެވެ. "ވިމް"އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ހައުސިން މިނިސްޓަރ އައިމިނަތު އާޠިފާ އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ބައިވެރިވެވަޑައިގެންނެވިއެވެ.