ޚަބަރު

ބާ ކައުންސިލުގެ ރައީސަކަށް މަޢުމޫން ހަމީދު


ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލުގެ ރައީސަކަށް އިންތިޚާބުވި މަޢުމޫން ހަމީދަށާއި ކައުންސިލަށް އިންތިޚާބުވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވަނީ މި އިންތިޚާބުގައި ކާމިޔާބީ ހޯދި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެ، ރާއްޖޭގެ ޤާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށް ވިދާޅުވެފައެވެ.

ބާ ކައުންސިލުގެ ރައީސާއި، ނައިބް ރައީސްގެ އިތުރުން، އެގްޒެކަޓިވް ކޮމިޓީއަށް 6 މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ބާ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ މަޝްހޫރު ޤާނޫނީ ވަކީލު މަޢުމޫން ހަމީދުކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. މައުމޫން ހަމީދަށް 543 ވޯޓު ލިބިފައިވެއެވެ. އަދި ނާއިބް ރައީސަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ ކުރީގެ ބަންޑާރަ ނާއިބް ޢަބްދުﷲ މުއިއްޒެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 792 ވޯޓެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް މަޢުމޫނު ހަމީދު އިންތިޚާބުވެވަޑައިގެންފައިވަނީ މަޝްހޫރު ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނާއިބު ޙުސްނުއްސޫޢޫދާ ވާދަކޮށްގެންނެވެ. މި އިންތިޚާބުގައި ސުޢޫދަށް ލިބިވަޑައިގެންފައިވަނީ 401 ވޯޓެވެ.

ބާ ކައުންސިލުގެ ނާއިބް ރައީސްގެ މަޤާމު ކުރީގެ ބަންޑާރަ ނާއިބް ޢަބްދުﷲ މުއިއްޒު ކާމިޔާބު ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ، މުޙައްމަދު ހަލީމާއި ވާދަކޮށްގެންނެވެ. މުޢިއްޒަށް ލިބިވަޑައިގެންފައިވަނީ 792 ވޯޓެވެ. އަދި ހަލީމަށް ލިބިވަޑައިގެންފައިވަނީ 139 ވޯޓެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީ އެކުލެވިގެންވަނީ 9 މެންބަރެއްގެ މައްޗަށެވެ. އެއީ ރައީސްއާއި ނާއިބު ރައީސްގެ އިތުރުން 6 މެންބަރުންނާއި ދައުލަތުގެ ބަންޑާރަ ނާއިބު. މި އިންތިޚާބުގައި އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ވާދަކޮށްފައިވެއެވެ.

މި ފަރާތްތަކުގެ ތެރެއިން ވަގުތީ ނަތީޖާއިން ދައްކާގޮތުން ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވި 6 ބޭފުޅުންނަނީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމާއި މުހައްމަދު ފައިސަލް އާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އަބްދުލް މާނިއު ހުސެއިންއެވެ.

ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ވާދަކުރި ފަރާތްތަކަށް ލިބުނު ވޯޓުގެ ތަފްސީލް:
1. އަނާރާ ނައީމް – 343 ވޯޓު
2. އަޙްމަދު މުއިއްޒު – 627 ވޯޓު
3. ސޮފާ ޝަރީފް - 320 ވޯޓު
4. ޒިމްނާ ޢަބްދުލް މުހުސިން – 215 ވޯޓު
5. އަލީ ޝާހު - 162 ވޯޓު
6. އަނަސް އަބްދުއް ސައްތާރު – 361 ވޯޓު
7. ޒުބައިރު އަހުމަދު މަނިކު – 17 ވޯޓު
8. ޑރ. މުހައްމަދު އިބްރާހީމް - 331 ވޯޓު
9. މުހައްމަދު ޝަފާޒް ވަޖީހު - 188 ވޯޓު
10. މުޙައްމަދު ފަރީދު - 226 ވޯޓު
11. މުޙައްމަދު ފައިސަލް - 631 ވޯޓު
13. މުޙައްމަދު ވަހީދު ނަޖީބު - 26 ވޯޓު
14. ޝަބާބު ރަޝީދު - 233 ވޯޓު
15. ޢަބްދުލް މާނިއު ހުސައިން - 342 ވޯޓު
16. ޢަބްދުއްސަލާމް އާރިފް – 192 ވޯޓު
17. އާއިޝާ ސުޖޫން މުޙައްމަދު - 445 ވޯޓު
18. މުޙައްމަދު އަސީލް ހަސަން - 356 ވޯޓު
19. އާމިނަތު އަރީޖު ހުސައިން - 280 ވޯޓު

މި އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓާފައިވަނީ ދެ ސަރަޙައްދެއްގައެވެ. އެއީ މާލޭގައި ބާ ޖަމާލުއްދީނުގައި ބެހެއްޓި ދެ ވޯޓް ފޮށީގެ އިތުރުން އައްޑޫ ސިޓީ ފޭދޫގައި ބެހެއްޓި ވޯޓްފޮށްޓެވެ.

ބާ ކައުންސިލް އުފެއްދުން ލާޒިމްކުރާ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ބާ ކައުންސިލު ހިންގާނީ، އެކުލަވާލާ އެގްޒެކެޓިވް ކޮމިޓީއާއި، އެ އެގްޒެކެޓިވް ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީތަކުގެ މައްޗަށެވެ. މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ. މި ޤާނޫނުގެ ދަށުން ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.