ކުޅިވަރު

މާޅޮސް ކޮޅަށް 12 ލަނޑު ޖަހައި، ގޮއިދޫ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި


ބ.ފުޓްބޯޅަ ޗެލެންޖްގައި މާޅޮސް ކޮޅަށް ރެކޯޑް އަދަދަކަށް ލަނޑުޖަހައި ސެމީ ފައިނަލުގެ ފަހު ޖާގަ ގޮއިދޫ ހޯދައިފި އެވެ.

ބ.އަތޮޅު ފޯސީޒަން ރިސޯޓުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޅޮހާއި ވާދަކޮށް ގޮއިދޫ މެޗު ކާމިޔާބުކުރީ ބާރަ ސުމަކުން ނެވެ.

މިއަދުގެ މެޗްގެ ލަނޑުތައް ޖަހާފައިވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގޮއިދޫގެ އާދަމް ނިޒާމް، ނާސިހް ޔޫސުފް އަދި އާދަމް އިކްލީލްގެ އިތުރުން އިބްރާހިމް މާޖިދުއާއި ފައްރާޙް ސަލީމް އެވެ. އާދަމް ނިޒާމް ވަނީ މިއަދު މެޗްގައި 6 ލަނޑުޖަހާ މި މުބާރާތުގައި ކުޅުނު އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.
މާޅޮސް ޓީމަށް މުޅި މެޗްގައިވެސް ގޮއިދޫ ޓީމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

މާޅޮސް ހިމެނޭ ގްރޫޕުން ސެމީ ފައިނަލުގެ ޖާގަ އޭދަފުއްޓާ ގޮއިދޫ ހޯދާފައިވާއިރު މި ދެޓީމް މާޅޮސްކޮޅަށްވަނީ 23 ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމްތަކަކީ ކެންދޫ، ކްލަބް އޭދަފުށި އަދި ކިހާދޫގެ އިތުރުން މިއަދު މެޗުން މޮޅުވި ގޮއިދޫ އެވެ. ސެމީ ފައިނަލުގެ މެޗްތައް ކުޅޭނީ 17 އަދި 18 ގައެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އޭދަފުއްޓާއި ކިހާދޫ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކެންދޫއާ ގޮއިދޫ އެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.