ޚަބަރު

އެމްއެންޔޫގެ ވަން ސްޓޮޕް އެޑްމިޝަން ހަރަކާތް ފަށައިފި


މަތީ ތަޢުލީމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ހުރި ފުރުޞަތުތައް އަންގައިދީ، ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޙާއްސަ ހަރަކާތެއް ފަށައިފިއެވެ.

ވަން ސްޓޮޕް އެޑްމިޝަންގެ ނަމުގައި މި ހަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ހަތަރަކުން ހަޔަކަށެވެ. އަދި މި ރޭ އަށަކުން ދިހައެއް ޖެހުމާ ހަމަޔަށް ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ ގޯތިތެރޭގައި މި ހަރަކާތް ކުރިއަށް ދާނެއެވެ. އެ ޔުނިވަސިޓީން ބުނީ މި ހަރަކާތުގައި ޤައުމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުތައް ހާމަކޮށް، އޮގަސްޓު މަހު ފަށާ ކޯސްތަކުގެ ތެރެއިން ޖާގަހުރި ކޯސްތަކަށް އެޕްލިކޭޝަން ފޯމް ބަލައިގަނެ، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. މީގެ އިތުރުން، ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސެޓްފިކެޓްތައް އެޓެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް، ސެޓްފިކެޓްތައް އެޓެސްޓު ކޮށްދިނުމުގެ ޚިދްމަތްވެސް މި ހަރަކާތުގައި ފޯރުކޮށްދޭނެކަމަށް ޤައުމީ ޔުނިވަސިޓީން ބުނެއެވެ.

ވަން ސްޓޮޕް އެޑްމިޝަންގެ ހަރަކާތްތައް މާލޭގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައިވެސް ހިންގުމަށްވަނީ ނިންމާފައެވެ. އެގޮތުން، ގަމު ކެމްޕަހާއި ތިނަދޫ ކެމްޕަހުގައި މިއަދު ހަވީރު ހަތަރަކުން ހަޔަކަށް އެ ޔުނިވަސިޓީންވަނީ ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، އެޕްލިކޭޝަން ބަލައިގަނެ، ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މި އަހަރުގެ ދެވަނަ ސެމިސްޓަގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 4ވަނަ ދުވަހުއެވެ. އަދި ޔުނިވަރސިޓީގެ ކޯސްތަކަށް މުޅިން އަލަށް ހޮވިފައިވާ ފަރާތްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމުތައް މިމަހުގެ 28ވަނަ ދުވަހު ފެށޭނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި މިހާރުވެސް 7،000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލުކުރެއެވެ.