ސިޔާސީ

އިންސާނީ ހައްޤުތަކާބެހޭ 2 ޤަރާރެއް ރާއްޖެއިން ކޯރ ސްޕޮންސަރކޮށްފި


މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނުކުޅެދުންތެއިކަން ހުންނަ މީހުންނަށް ކުރާ އަސަރު ކުޑަކޮށް އެމީހުންނަށް އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހަށް ހުށައެޅި ޤަރާރު ރާއްޖެއިން ކޯ ސްޕޮންސަރކޮށްފިއެވެ.

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގައި ޖޫން މަހު 24އިން މިމަހު 12 ދުވަހަށް ކުރިއަށްދިޔަ ހިއުމަން ރައިޓްސް ކައުންސިލްގެ 41 ވަނަ ސެޝަންގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި މި ސެޝަންގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވި ވަފުދުން ވަނީ 7 ސްޓޭޓްމަންޓެއް ދީފަ. މި ސްޓޭޓްމަންޓުތަކުގައި ރާއްޖެއިން ވަނީ ސީރިޔާއާއި މިޔަންމާ އާއި ފަލަސްތީންގައި ހިނގަނމުންދާ އިންސާނީ ޙައްޤުތަކާއި ޚިލާފް ޢަމަލުތައް ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން، އަންހެނުންގެ ޙައްޤުތަކާއި، މޫސުމަށް އަންނަބަދަލުތަކުގެ އިތުރުން ޖަޖުންނާއި ލޯޔަރުންގެ މިނިވަންކަން ދެމެހެއްޓުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްތައް އުފައްދާ އެކަންކަމުގައި ޙަރަކާތްތެރިވުމުގެ މިނިވަންކަމަށް ރާއްޖޭގެ ފަރާތުން ތާއީދުކޮށް ވާހަކަދައްކާފައެވެ. ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން މިސެޝަންގައި ފާސްކުރި 25 ޤަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ ޚިޔާލުހުށައަޅަފައިވާކަމަށް ފޮރިންގ މިނިސްޓްރީން މަޢޫލޫމާތުދެއެވެ.

މި ޤަރާރުތަކުގެ ތެރޭގައި ހިމެނޭ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ކުރާ އަސަރު ކުޑަކޮށް އެފަރާތްތަކުގެ އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހުށަހެޅުނު ޤަރާރާއި ޒުވާނުންގެ ޙައްޤުތައް ހޯދައިދިނުމާއި ސީރިއާގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް ފާސްކުރި ޤަރާރު ރާއްޖެއިން ވަނީ ކޯރ ސްޕޮންސަރކޮށްފައެވެ. އަދި، މި ސެޝަންގެ ހަވާސާގައި ރާއްޖެއިން ވަނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމިއްޔާ، ޖަމާޢަތްތައް އުފައްދާ އެކަންކަމުގައި ޙަރަކާތްތެރިވުމުގެ މިނިވަންކަމުގެ ޙައްޤުތައް ކުރިއެރުވުމަށް ބޭއްވުނު އިވެންޓާއި "ލެޖިސްލޭޓިން ފޯރ ޖެންޑަރ އީކުއެލިޓީ: އެލިމިނޭޓިން ޖެންޑަރ ބޭސްޑް ޑިސްކްރިމިނޭޝަން އެންޑް ވައިލެންސް"ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓެއްގައިވެސް ބައިވެރިވެފައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 41 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނިވަޑައި ގަންނަވަނީ، ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދާއި އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޙަވްލާ އަޙްމަދު ދީދީއެވެ.