ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއަކީ މުހިންމު ދާއިރާއެކެވެ. މިދާއިރާއިން އެންމެ ބޮޑު ޚަރަދެއް ދައުލަތުން ކުރަނީ އާސަންދައިގެ ދަށުންނެވެ.
ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް މިކަމަށް ޚަރަދުވެސް ކުރެއެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ދެ ބިލިއަން ހަތަރުސަތޭކަ ފަސްދޮޅަސް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހިންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ޚަރަދުކޮށްފައިވަނީ އާސަންދައިގެ ގޮތުގައެވެ. ހުރިހާ ދިވެހިންގެ ބޭސްފަރުވާގެ ޚަރަދު ބަލަހައްޓާ ސަރުކާރުގެ މައި ނިޒާމުކަމަށްވާ އާސަންދަ ބޭނުންކޮށްގެން މިދިޔަ އަހަރު ތިން ލައްކަ ތިރީސް ނުވަ ހާސް ނުވަ ސަތޭކަ ނުވަދިހަ ހަތް މީހުންވަނީ ފަރުވާ ހޯދާފައެވެ. މިފަރާތްތަކަށް ބޭސްކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރުވަނީ ދެ ބިލިއަން އެއް ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަލައްކަ ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާސަންދައަށްފަހު ދައުލަތުން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ރަޖިސްޓަރކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހަތް ހާސް ހަތް ސަތޭކަ ހަތްދިހަ އެއް މީހުންނަށްވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސްގެ ދަށުން ހޭދަކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 2000 ރުފިޔާގެ މާލީ ޢިނާޔަތެއް ދިނުމަށް ޤާނޫނުގައިވަނީ ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުވަނީ ސަތޭކަ ހަތްދިހަ ހަ މިލިއަން ހަލައްކަ އަށްޑިހައަށް ހާސް ރުފިޔާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚަރަދުކޮށްފައެވެ.
ކުއްލި ޙާލަތުގައި ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމަށް ދައުލަތުން ހަތްދިހަ މިލިއަން އެއްލައްކަ ހަތްދިހަ ނުވަ ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ކުއްލިޙާލަތުގައި ސިއްޙީ ފަރުވާ ފޯރުކޮށްދީފައިވަނީ ފަސްހާސް ހަތްސަތޭކަ ނުވަދިހަ މީހުންނަށެވެ.
އެކަނިވެރި މައިންގެ ގޮތުގައި ދަފުތަރުކޮށްފައިވާ ހަހާސް ނުވަސަތޭކަ ފަންސާސް އެއްމީހަކަސް ދައުލަތުގެ ބަޖެޓުންވަނީ ފަންސާސް އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ފަސް ހާސް ޚަރަދު ކޮށްފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ބެލެނިވެރިކަމާ ޙަވާލުވެފައިވާ ދުއިސައްތަ ފަންސާސް ހަތަރު ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސްގެ ގޮތުގައިވަނީ ދެ މިލިއަން ތިންލައްކަ އަށްޑިހަ ހަހާސް ހޭދަކޮށްފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ހަތަރު ސަތޭކަ އަށްޑިހަ ތިން މީހެއްގެ މައްޗަށް ދައުލަތުންވަނީ ދެލައްކަ ނަވާވީސް ހާސް ރުފިޔާ ޙަރަދުކޮށްފައެވެ.
އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުން ޚަރަދު ކުރަމުންދާއިރު މީގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ހުރި އިރު މީގެ ތެރެއިން އިސްރާފުކުރެވެމުންދާކަމަށް މިދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް އާސަންދައަށް ކުރާއިރު އާސަންދަ ބޭނުންކުރާ ފަރާތްތަކުން އާސަންދަ ސްކީމާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އާސަންދަ ކުންފުނިން އިލްތިމާސްކުރެއެވެ.