ޚަބަރު

ބާ ކައުންސިލުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި


ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގައި ބާ ކައުންސިލުގެ ރައީސާއި، ނައިބް ރައީސްގެ އިތުރުން، މެމްބަރުގެ ގޮތުގައި 6 މީހަކު އިންތިހާބު ކުރާނެއެވެ. މި މެންބަރުންގެ އިތުރުން ދެން އެ ކައުންސިލްގައި އިންނަވާނީ ބަންޑާރަ ނައިބެވެ. ބާ ކައުންސިލުގެ ވޯޓުލުން ކުރިއަށްދަނީ މާލެއާއި، އައްޑޫ ސިޓީ ފޭދޫގައެވެ.

މާލޭގައި ވޯޓުލުމަށް ބާ ޖަމާލުއްދީނުގައި ދެ ފޮށި ބަހައްޓާފައިވާއިރު، އައްޑޫ ސިޓީ ޝަރަފުއްދީން ސުކޫލުގައި ބަހައްޓާފައިވަނީ އެއް ފޮށްޓެވެ.

ބާ ކައުންސިލުގެ ރައީސް ކަމަށް 2 ބޭފުޅަކު ވާދަކުރާއިރު ނާއިބް ރައީސް ކަމަށްވެސް ވާދަކުރަނީ 2 ބޭފުޅެކެވެ. އަދި ކައުންސިލް މެންބަރު ކަމަށް 19 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. ބާ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަބުދުﷲ މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ހަލީމެވެ. އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލާފައިވެއެވެ.

މި އިންތިޙާބުގައި ވޯޓްލުމުގެ ހައްޤު 1600 ވުރެ ގިނަ ވަކީލުން ލިބިގެންވެއެވެ.

ބާ ކައުންސިލުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތުގެ ތިރީސް މިނެޓް ފަހުންނެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާން ކުރާނެއެވެ. އަދި ދާއިމީ ނަތީޖާ އިޢުލާން ކުރާނީ މާދަމާއެވެ.