ޚަބަރު

2054 ވަނަ އަހަރު ދިވެހިންގެ އާބާދީ މިލިއަނަކަށް، ބިދޭސީންގެ އާބާދީ 4 ލައްކައަށް އިތުރުވާނެ


މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތޭރަހާސް އަށްސަތޭކައަށްވުރެ ގިނަ ބިދޭސީން އެތެރެވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި. މީގެ ސަބަބުން ރާއްޖޭގައި މިހާރު ދިރިއުޅޭ ބިދޭސީ އާބާދީ އެއްލައްކަ ސާޅީސް ފަސްހާހަށްވުރެ ވަނީ އިތުރުވެފައެވެ.

ދިވެހި ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަޒީފާ ނެތުންކަމަށްވާއިރު، އެކި ވަޒީފާތަކަށް ރާއްޖެއަށް ގެންނަ ބިދޭސީންގެ ޢަދަދު ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތޭރަހާސް އަށްސަތޭކަ އަށްޑިހަ އެއް ބިދޭސީން އައިސްފައިއެވެ. މިއީ އޭގެ ކުރީ އަހަރާއި އާޅާބަލާއިރު ތޭރަ ސަތޭކައަށް ވުރެ ގިނަ ޢަދަދެކެވެ. މީގެ ތެރޭގައި ވަޒީފާ އަދާކުރަން އައި މީހުންނާއި އެމީހުން ބަލަހައްޓާ މީހުން ނުވަތަ ޑިޕެންޑެންޓުންގެ ގޮތުގައި އައިސްފައިވާ މީހުން ހިމެނެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަކީ 145،862އެވެ. އަދި މީގެ ތެރެއިން މަސައްކަތްކުރާ ބިދޭސީންގެ އާބާދީއަކީ 114،981 ބިދޭސީންނެވެ. މިފަރާތްތަކުގެ ޙަވާލުގައި ނުވަތަ ޑިޕެންޑެންޓުންގެ ގޮތުގައި ތިރީސް ހާސް ބިދޭސީން މިދިޔަ އަހަރު ރާއްޖޭގައި ތިބިކަމަށް ވަނީ ރިކޯޑުކުރެވިފައެވެ.

ރާއްޖޭގައި ބިދޭސީންގެ އާބާދީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި މިމައްސަލައަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އާބާދީ އިތުރުވެ ރާއްޖޭގެ އިގުތިޞާދަށް އޮތް ބޮޑު ނުރައްކަލަކަށް މިކަންވާނެއެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ދުނިޔޭގެ އާބާދީދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞަލިޙު ވަނީ ރާއްޖޭގެ އާބާދީގައި ބިދޭސީން އިތުރުވުމަކީ ރާއްޖޭގެ އިގުތިޞާދަށް އޮތް ބިރެއްކަންވެސް ފާހަގަ ކުރައްވާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ލަފާކުރެވޭގޮތުގައި ރާއްޖޭގެ އާބާދީ 2050 ވަނަ އަހަރާއި ހަމައަށް ދާއިރު 1 މިލިއަނަށް އަރާނެއެވެ. މިއީ އެއާއެކު އިތުރު އެތައް ކަންތައްތަކަކާއި ޚިދުމަތްތަކެއް ކުރިއެރުވުމަށް މަޖުބޫރުކުރުވާނެކަމެކެވެ. އެހެންކަމުން މިހާރު ރާއްޖޭގެ އާބާދީ 4 ލައްކައަށް އަރާއިރު އެކަށީގެންވާ ވަޒީފާއާއި ޚިދުމަތްތައް ޤާއިމް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އާބާދީ މިލިއަނަކަށް އަރާއިރު މިމައްސަލަތައް ޙައްލުކުރުމަށް ހުރި ގޮންޖެހުން މިހާރަށްވުރެ އިތުރުވާނެއެވެ. މިއާއެކު އިތުރުވާނެކަމަށް ލަފާކުރެވޭ ބިދޭސީންގެ އާބާދީއާއެކު ދިވެހިންނަށް ވަޒީފާ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްވެސް ސަރުކާރަށް ކުރިމަތިލާންޖެހޭ ގޮންޖެހުން ބޮޑުވާނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެންމެ ގިނަ ބިދޭސީންނަކީ ޓީޗަރުންނެވެ. 2018 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި 3130 ޓީޗަރުން ވަނީ މަސައްކަތްކޮށްފައެވެ. ދެން އެންމެ ގިނައީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންނެވެ. އެއީ 1434 ނަރުހުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ 961 ޑޮކްޓަރުންގެ ތެރެއިން 682 ޑޮކްޓަރުންނަކީ ބިދޭސީންނެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފާސް ހިސާބަށް ބަލާއިރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެންމެ ގިނަ ބިދޭސީން މަސައްކަތްކުރަނީ ސިވިލް ސަރވިސްގައިކަމަށް ދެއްކިނަމަވެސް ޤަވާއިދާ ޚިލާފަށް އެތެރެވެ މަސައްކަތްކުރަމުންދާ ބިދޭސީންގެ އާބާދީގެ ބޮޑުބައެއް މަސައްކަތްކުރަނީ ރާއްޖޭގެ ޢުމްރާނީ މަސައްކަތުގެ ދާއިރާގައެވެ.

ރާއްޖޭގެ އާބާދީ މިލިއަނަކަށް އަރާނެކަމަށް ލަފާކުރާއިރު 2054 ވަނަ އަހަރު ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީ ހަތަރު ލައްކައަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ ސަރުކާރާއި ބިދޭސީން ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން ވިސްނާ އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. މިކަމަށް އެކަށީގެންވާ ފިޔަވަޅު ދުރާލައި ނޭޅިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ބިދޭސީންގެ އަތްމައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.