ޚަބަރު

ރައީސް ހުވަދު އަތޮޅުގެ ބައެއް ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ތިނަދޫ ރަށު ކައުންސިލް އިދާރާގައި ވަކިވަކިން ބޭއްވެވި މިބައްދަލު ކުރެއްވުންތަކުގައި ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި ގދ. ގައްދޫ ކައުންސިލަރުންނާއި ގދ. ފަރެސް މާތޮޑާ ކައުންސިލަރުންނާއި ގއ. ދާންދޫ ކައުންސިލަރުންނާއި ގއ. ގެމަނަފުށީ ކައުންސިލަރުންނާއި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ތަކުގައި ކައުންސިލަރުންވަނީ އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ބައެއް މުއައްސަސާ ތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހިއްސާކުރައްވާފައެވެ. މީގެއިތުރުންވެސް ރަށްރަށުގެ އިޤްތިޞާދާއި ރައްޔިތުންގެ އާމްދަނީއާއި ޒުވާނުންނާއި ކުޅިވަރާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި މައްސަލަތަކާއި އެދާއިރާތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ކައުންސިލުތަކުން ވަނީ އެކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަމާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.