ކުޅިވަރު

ބ.ފުޓްބޯލް ޗެލެންޖް: ހިތާދޫ ބަލިކޮށް ކިހާދޫ ސެމީއަށް


ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ކުޅުނު މެޗުގައި ހިތާދޫ ބަލިކޮށް ކިހާދޫ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކިހާދޫ ކަށަވަރުކުރީ ހިތާދޫއާ ވާދަކޮށް 2-1 މޮޅުވެގެންނެވެ. ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއްފެނިގެން ދިިޔަ މި މެޗްގައި ފުރަތަމަ ލަނޑުޖަގާ ކުރި ހޯދީ ހިތާދޫ ޓީމުންނެވެ. ކިހާދޫ ޓީމްގެ އޭރިއާ ތެރެއިން އެޓީމް ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ، 23 ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން އަޙްމަދު ހުސެއިން އެވެ.

މި ލަނޑައްފަހު ކިހާދޫއިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފްގައި ނުރައްކާތެރި ހަމަލާތަކެއް ހިތާދޫ ޓީމުގެ ގޯލަށް އަމާޒުކޮށްފައެވެ. ކިހާދޫ ޓީމުން ނަތީޖާ ހަމަހަމަކުރީ، މެޗްގެ 66 ވަނަ މިނެޓްގައި އެޓީމްގެ އަބްދުލް ސަމީއު ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

މޮޅަށްކުޅެ ކިހާދޫ މެޗުން މޮޅުވި ލަނޑު ޖަހައިދިނީ މިއަދު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން އީމާންއެވެ.

މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޅޮހާ ގޮއިދޫ އެވެ. ސެމީގެ ޖާގަ ކަށަވަރު ކުރުމަށް މާދަމާ މެޗުން ގޮއިދޫ މޮޅުވުން މަޖުބޫރުވާނެއެވެ.

މިމުބާރާތުގެ ސެމީ ޖާގަ މިހާތަނަށް ތިން ޓީމް ވަނީ ކަށަވަރުކޮށްފައެވެ. އެއީ ކެންދޫއާއި މުބާރާތް ބާއްވާ އޭދަފުށްޓާއި، ކިހާދޫ އެވެ.