ކުޅިވަރު

ބ.އަތޮޅު އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖުލައި 26 ގައި ފަށަނީ


ބ.އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް 6 ރިސޯޓާއެކު މިމަހުގެ 26 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ރިސޯޓްތަކަކީ، އަމިއްލަފުށި، ފިނޮޅު އަދި އަނަންތަރަ ކިހަވަށް ވިލާސް ރިސޯޓް އެވެ. ގްރޫޕް ބީގައި ހިމެނެނީ ރޯޔަލް އައިލެންޑް ރިސޯޓް، ދުސިތް ތާނީ މޯލްޑިވްސް އަދި ސޮނެވާފުށި ރިސޯޓް އެވެ.

މިމަހުގެ 26 އިން އަންނަ މަހުގެ 7ގެ ނިޔަލަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ އަމިއްލަފުށި ރިސޯޓާއި އެންމެ ފަހުގެ ޗެމްޕިއަން ފިނޮޅު ރިސޯޓް އެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި މީގެ 7 އަހަރު ކުރިން ބާއްވަން ފެށި މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް އިންތިޒާމްކޮށް ކުރިޔަށްގެންދިޔައީ އޭދަފުށީގެ ކްލަބް ކޮންބިނޭޝަންގެ ފަރާތުން ނެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ އޭދަފުށީ ޒުވާނުންގެ ކްލަބުން ނެވެ. އެކަމަކު މި އަހަރު މި މުބާރާތް އިންތިޒާމް ކުރަނީ އޭދަފުށީގެ ވެލާ ސްޕޯޓްސް ކްލަބުން ނެވެ.

މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ބ.އޭދަފުށީގައި އަޅާފައިވާ މަތީ ފެންވަރުގެ ޓާފް ފުޓްބޯޅަ ދަނޑުގައެވެ.