ވިޔަފާރި

ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް މިދިޔަމަހު 266 މިލިއަން ރުފިޔާ


ކަސްޓަމްސް މެދުވެރިކޮށް މިދިޔަމަހު ދަޢުލަތަށް ލިބުނު އާމްދަނީ މިދިޔައަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫންމަހު އިމްޕޯޓް އަދި އެކްސްޕޯޓް އާމްދަނީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިފައިވަނީ 235 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ ޖޫންމަހު ލިބުނު އާމްދަނީ 266 މިލިއަނުގައި އުޅޭއިރު، މިއީ 13 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖޫންމަހަށްވުރެ މިއަހަރުގެ ޖޫންމަހު އިމްޕޯޓް އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވިނަމަވެސް، މިދިޔަ ޖޫންމަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ އަގު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަމަހު 3.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، މިދިޔަ އަހަރުގެ މުއްދަތުގައި 3.5 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައިވެއެވެ. އެހެންކަމުން މިދިޔަމަހު އިމްޕޯޓްކުރެވުނު މުދާ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅަބަލާއިރު 5 އިންސައްތަ ދަށްވެފައެވެ.

އިމްޕޯޓްކުރެވުނު މުދަލުގެ އިތުރުން އެކްސްޕޯޓްކުރި މުދަލުގެ އަގުވެސް ވަނީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖޫންމަހު 113 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު މިއަހަރުގެ ޖޫންމަހު އެކްސްޕޯޓްކުރީ 104 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 7 އިންސައްތައިގެ ދަށްވުމެކެވެ.

އަގުގެ ގޮތުން މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއާއި ޔޫއޭއީންނެވެ. އެއީ އިމްޕޯޓްކުރި މުދަލުގެ 19 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ސިންގަޕޫރުންނެވެ. 3 ވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ އިންޑިއާއިންނެވެ.

އަގުގެ ގޮތުން މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އެއީ އެކްސްޕޯޓުގެ 42 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ފްރާންސް އަދި ޔޫއޭއީއަށެވެ. 3 ވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާއަށެެވެ.