ކުޅިވަރު

އައިލެންޑް އޭވިއޭޝަންގެ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ފަށައިފި


އައިލެންޑް އޭވިއޭޝަން ސާރވިސްގެ ޑިޕާޓްމަންޓްތަކުގެ މެދުގައި ކުރިޔަށްގެންދާ އިން-ހައުސް ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ޑިޕާންޓްމަންޓްތަކުގެ މެދުގައި ކުރިޔަށްގެންދާ މި މުބާރާތުގައި މިއަހަރު 17 ފިރިހެން ޓީމާއި 5 އަންހެން ޓީމު ވަނީ ބައިވެރިވެފައި އެވެ. މުބާރާތުގައި ފިރިހެން ބައިގެ ކުޅުން ކުރިޔަށްގެންދަނީ 4 ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.

މުބާރާތު އަންހެން ބައިގެ ކުޅުން ކުރިޔަށްދާނީ ލީގު އުސޫލުން ނެވެ. އެގޮތުން އަންހެން ބައިގައި ބައިވެރިވި 5 ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނައިން ޕޮއިންޓް ހޯދާ 2 ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ. އަންހެން ބައިގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ފުރަތަަމަ މެޗު ޝަރަފްވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ހުޅުމާލޭގައި ކުރިޔަށްގެންދާ މި މުބާރާތަކީ، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް، އެންމެ އެއްތަނަކުން ދިމާވެ އެކުވެރިކަން ބަދަހި ކުރުމުގެ މަޤުސަދުގައި ކުރިޔަށްގެންދާ މުބާރާތެއް ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއެވެ.

މިއީ މި މުބާރާތް ބާއްވާ 19 ވަނަ ފަހަރެ އެވެ. އަދި އަންހެން ބައިގެ މުބާރާތް ބާއްވާ 7 ވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.