ކުޅިވަރު

ސަރބީޔާގެ ދަތުރަކީ އައިއޯއައިޖީއާއި ސެންޓްރަލް ޒޯނަށް ތައްޔާރުވާން ލިބުނު ރަނުގެ ފުރުސަތެއް - ކުޑަކާއްޓޭ


ސަރބިޔާގެ ދަތުރަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސެންޓްރަލް ޒޯނަށް ތައްޔާރުވާން ލިބޭ އެންމެ ފުރިހަމަ ފުރުސަތުކަމަށް ޤައުމީ ވޮލީޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އިސްމާއިލް ސާޖިދު ބުނެފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށާއި، އަންނަ މަހު އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ދިވެހި ޓީމް މާލޭގައި ފަރިތަކުރާތާ ހަ މަސް ދުވަސް ވެއްޖެއެވެ. އަދި މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން، ޤައުމީ ޓީމު ތަމްރީން ހަދަމުން އަންނަނީ ދުނިޔޭގެ ވޮލީގެ ގަދަ ބާރެއްކަމަށްވާ ސަރބިޔާގަ އެވެ.

މި ތަމްރީން ދަތުރުގެ ތަޖުރިބާ ހިއްސާކުރަމުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އިސްމާއިލް ސާޖިދު ބުނީ، މިއީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ތަފާތު ތަޖުރިބާކަމަށާއި، ތަމްރީން ދަތުރަކުން ޓީމަށް ކުރިއެރުން ލިބޭކަމަށްވާނަމަ މި ދަތުރުން ޓީމުގެ ތަފާތު ފެންނާނެކަމަށެވެ. އަދި ކުރިއަށް އޮތް މުހިންމު ދެ މުބާރާތަށް ތައްޔާރުވާން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެކަމަށް އޭނާ ބުންޏެވެ.

ސާޖިދު ބުނީ، މި ތަމްރީން ދަތުރުގެ އެންމެ ބޮޑު ތަފާތަކީ، އަބަދުވެސް ކިޔައިދޭނެ މީހެއް ހުރުންކަމަށާއި، ދުނިޔޭގެ ފެންވަރުގެ މޮޅު ކޯޗެއް ތަމްރީންތަކުގެ ހުރިހާ ވަގުތެއްގައިވެސް ކައިރީގައި ހުރެ، ހެދޭ ގޯސްތައް ކިޔައިދޭން ހުރުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.