ކުޅިވަރު

އައި.އޯ.އައި.ޖީއަށް ތައްޔާރުވާ ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި


މިމަހު 17 ގައި މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ތައްޔާރުވުމުގެ ގޮތުން، ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ޒުވާން ސްކޮޑަކާއެކު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ރޭ ފެށިއިރު، އައިއޯއައިޖީއަށް ދާނެ ކުޅުންތެރިން ފައިނަލް ނުވާކަމަށް އެފް.އޭ.އެމުން ބުނެ އެވެ. އެ އިދާރާގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ޕީ.އެސް.އެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އަނިޔާގެ މައްސަލަ އުޅޭތީ، އަދި ސްކޮޑް ފައިނަލް ނުކުރާކަމަށެވެ.

އައި.އޯ.އައި.ޖީއަށް ޚާއްޞަކޮށްގެން ޕީ.އެސް.އެމްއިން ގެނެސްދޭ، "މި ފަހަރުވެސް ގޯލްޑް" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނީ، ޓީމް އެކުލަވާލަން ބެލިއިރު، ޓީމުގެ ކުޅުންތެރިން ފިޓްނަސް ހުރީ ކިހިނެތްކަމެއް ނޭނގޭކަމަށާއި، ޓީމް ލިސްޓް ހެދިއިރު ލީގު ނުފަށާތީ، އެއްވެސް ކުޅުންތެރިއެއްގެ ފޯމެއްވެސް ނޭނގޭކަމަށެވެ.

ސާފް ސުޒުކީ ކަޕަށް ފަހު މިދިޔަ ސީޒަންގެ ފަހުކޮޅު ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައި އާ ކުޅުންތެރިންނަށް ސްކޮޑުން ފުރުޞަތުދީފައިވާނޭކަމަށް ކޯޗު ބުންޏެވެ. ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް އައި.އޯ.އައި.ޖީއަށް ތައްޔާރުވާން ހަފުތާއެއްހާ ދުވަސް އޮތްއިރު، ފުލް ޓީމު ފަރިތަކުރަން ލިބެނީ އެންމެ ފަސް ދުވަހެ އެވެ. ކުރިން ތާވަލުކޮށްފައި އޮތީ ގޭމްސްގެ ކުރިން ދިވެހި ޓީމް ސީޝެލްސްގައި ތަމްރީންތަކެއް ފުރިހަމަކުރުމަށެވެ. އެހެންނަމަވެސް ފަހުން އެފް.އޭ.އެމުން ވަނީ ތަމްރީން ކޭމްޕް ނުދާގޮތަށް ނިންމާފަ އެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅައިގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީ ގައި އެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ރީޔޫނިއަން، މަޔޮޓް އަދި ކޮމޮރޯސް އެވެ.