ޚަބަރު

މުޖުތަމަޢުގައި ޒުވާނުން ބައިވެރިނުކުރުމުން ހަރުކަށި ފިކުރުތަކަށް ދޭ


ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ހައްދުފަހަނަ އެޅުމާއި ހަރުކަށި ވިސްނުމުގެ ޝިކާރައަކަށްވަނީ މުޖުތަމަޢުގައި ޒުވާނުން ބައިވެރިނުކުރުމާއި އެކަށީގެންވާ ފުރުޞަތުތައް ނެތުމުކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ކަންކަން ދެނެގަތުމަށްޓަކައި ކުރި ދިރާސާ ރިޕޯޓް މިއަދު ވަނީ ނެރެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގެ ޒުވާނުން ހާއްދުފާނަ އަޅާ ދިޔުމަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަނާއި، ތަޢުލީމު ލިބުމުގެ ތަފާތު މައްސަލަތަކާއި މަސްތުވާތެކެތީގެ ވަބާގައި ޖެހުން ހިމެނެއެވެ.

މީގެއިތުރުން ވަޒީފާއެއް ނުލިބުމާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ އިތުރުން ގޭންގް މާރާމާރި ފަދަ ކުއްތަކަށް އަރައިގަތުން ފަދަ ކަންކަމުގެ ސަބަބުން ޒުވާނުން ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށް ވެގެންދާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

"ޔޫތް ވަލްނަރަބިލިޓީ އެސެސްމަންޓް" އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ގޭންގު މާރާމާރިއާއި ވަޒީފާ ނެތުމާއި މަސްތުވާތެކެތީގެ ވަބާ ފަދަ ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު މިފަދަ ދިރާސާތަކުގެ ބޭނުން ހިފަންޖެހޭކަމަށެވެ. ރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިޚްތިޔާރު ކުރާ ކޮންމެ ދާއިރާއަކުންވެސް ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަން ޒުވާނުން ޤަބޫލުކުރާކަން މި ދިރާސާއިން ހާމަވަގެންދާކަމަށެވެ.

މީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން މިދިޔަ ފެބްރުއަރީގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާރވޭއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިގޮތުން މި ދިރާސާގައި 28 ރަށަކުން 177 މީހުން ބައިވެރިވެފައިވާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވެއެވެ.

މި ރިޕޯޓަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫ އެންޑިޕީ މޯލްޑިވްސް ޖަޕާނު ސަރުކާރުގެ އެހީ އާ އެކު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ޔޫތް ވަލްނަރަބިލިޓީ އެސެސްމަންޓް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތެވެ.