ޚަބަރު

ޑިއުޓީ ކަނޑާލުމަށްފަހު މަސްވެރިންނަށް ތެޔޮ ވިއްކަނީ


މަސްވެރިންނަށް ވިއްކާ ތެލުން ޑިއުޓީ ކަނޑާލައި، އެ ތެޔޮ މަސްވެރިންނަށް ލިބޭނޭ ގޮތް ހެދުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން މިފްކޯ އަދި ހޮރައިޒެން ފިޝަރިސްއާއިއެކު އެއްބަސްވުއްގައި ސޮއިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބޭއްވި ރަސްމިޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އައިމިނަތު ސަފްނާއެވެ.

މިފްކޯގެ ފަރާތުން ސީއީއޯ އިސްމާއިލް ފައުޒީ ސޮއިކުރެއްވިއިރު ހޮރައިޒެން ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އަދްނާން އަލީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، މިއީ ސަރުކާރުން ތެލުގެ ޑިއުޓީއަށް ދީފައިވާ އިނާޔަތް ތަންފީޒުކޮށް މަސްވެރިން މަހަށް ފުރުމަށް ކުރާ ހޭދަކުޑަކުރުމުގެ ގޮތުން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެއްކަމަށެވެ.

އެގޮތުން އަންނަ ހަފްތާގައި މި ޕްރޮގްރާމު މެދުވެރިކޮށް ޑިއުޓީއާއި ނުލައި މަސްވެރިންނަށް ތެޔޮ ދޫކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ މަސްވެރިން މަހަށް ފުރުމުގައި ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ސަރުކާރުން ތެލުގެ ޑިއުޓީއަށް ދެއްވާ އިނާޔަތް ތަންފީޒުކުރުމަށްޓަކައި ދެ މަސްގަންނަ ކުންފުންޏަކާއިއެކު ވެފައިވާ އެއްބަސްވުމެއް. މި މަސައްކަތް އަޅުގަނޑުމެން ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑުމެން މިމަސައްކަތްކުރަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

ޑިއުޓީ އުނިކޮށް ޑީސަލް ވިއްކުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ލައިސަންސްހުރި މަސްވެރި އުޅަނދުދަކަށް އެކަނިކަމަށް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ފުޑް ޓެކްނޮލޮޖިސްޓް ހަސަން އަފްޒަލް ވިދާޅުވީ، މި ޕްރޮގްރާމަށް ޚާއްސަކޮށްގެން މިނިސްޓްރީން "ފަހިހަކަތަ" ގެ ނަމުގައި އެޕްލިކޭޝަންއެއް ތަޢާރަފްކޮށްފައިވާކަމަށާއި މި އެޕްލިކޭޝަން މެދުވެރިކޮށް ޑީސަލް ވިއްކާ ސަޕްލައިޔަރުންނާއި މިނިސްޓްރީއާއި އަދި މަސްވެރިންނާއި މެދު މުޢާމަލާތްކުރެވިގެންދާނެކަމަށެވެ. އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް ޑިއުޓީއާއި ނުލައި ތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭނެކަމަށް އަފްޒަލް ވިދާޅުވިއެވެ.

" ފަހިހަކަތަ މި އެޕްލިކޭޝަނަކީ ސީދާ މި ޕްރޮގާމަށް ޚާއްސަކޮށްގެން މިނިސްޓްރީން ތަޢާރަފްކޮށްފައިވާ އެޕްލިކޭޝަނެއް. މި ޕްރޮގްރާމުގައި ބައިވެރިވާ ލައިސެންސް އޮންނަ އުޅަނދުތަކަށް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ. " އަފްޒަލް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިފްކޯ އަދި ހޮރައިޒެންގެ އިތުރުން ވެސް ތެޔޮ ސަޕްލައިކުރާ އިތުރު ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާކަމަށެވެ. އަންނަ ހަފްތާގައި ތެލުން ޑިއުޓީ ކަނޑާލުމަށްފަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާއިރު މިނިސްޓްރީގެ އުއްމީދަކީ ވީހާވެސް ގިނަ އުޅަނދުތައް އަދި ސަޕްލައިޔަރުން މި ޕްރޮގްރާމުގައި ބައިވެރިވުންކަމަށް މަސްވެރިކަމާއި ބެހޭ މިނިސްޓްރީން ވިދާޅުވެއެވެ.