ވިޔަފާރި

އޫބާއިން ހެލިކޮޕްޓަރުގެ ޙިދުމަތްދޭން ފަށައިފި


އެމެރިކާގެ މަޝްހޫރު އޫބާއިން ހެލިކޮޕްޓަރުގެ ޙިދުމަތްދޭން ފަށައިފިއެވެ.

ޓެކްސީގެ ޙިދުމަތް ފޯރުކޮށްދޭ އޫބާއިން މި ހަފްތާތެރޭ ވަނީ އާ ޙިދުމަތްތަކެއް ތައާރަފްކޮށްފައެވެ.

އެގޮތުން އޫބާގެ ޓެކްސީތަކުގައި ދަތުރުކުރާއިރު، ޑްރައިވަރު އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ހުންނާނެ ފަދަ ޙިދުމަތަކާއި އެމެރިކާގެ ނިއު ޔޯކް ސިޓީގައި އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް އަވަހަށް އެއަރޕޯޓަށް ދެވޭނެ ޙިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ޙިދުމަތްވެސް އޫބާއިން ވަނީ ދޭން ފަށާފައެވެ.

އޫބާ ކޮޕްޓަރގެ ނަމުގައި ދޭން ފަށާފައިވާ ހެލިކޮޕްޓަރުގެ ޙިދުމަތްތަކީ އަގު ބޮޑު ޙިދުމަތެކެވެ. އެގޮތުން ހެލިކޮޕްޓަރުގައި އެއަރޕޯޓަށް ކުރާ ދަތުރުތަކަށް 200 ޑޮލަރު ޗާޖުކުރާނެއެވެ.

މި ދަތުރުތަކަކީ އޫބާގެ އެންމެ މަތީ ފަންތީގެ ކަސްޓަމަރުންނަށް ދޭ ޙިދުމަތެކެވެ. އެގޮތުން އޫބާގެ ރިވަރޑް ޕްރޮގްރާމްގެ ޕްލެޓިނަމް އަދި ޑައިމަންޑު ކަސްޓަމަރުންނަށް ހެލިކަޕްޓަރުގެ ޙިދުމަތް ހޯދުމުގެ ފުރުސަތު އޮވެއެވެ. އޫބާ ކޮޕްޓަރތަކުގައި ފަސް މީހުންގެ ޖާގަ ހުރެއެވެ. އަދި އަތުން ގެންދާ ދަބަހަކާއި ލަގޭޖް ދަބަހެއް ކޮންމެ މީހަކަށް ގެންދެވޭނެއެވެ.

އޫބާ އިން މި ޙިދުމަތް ދޭން ފަށާފައިވަނީ އެމެރިކާގެ ނިއު ޖާޒީގެ ހެލިކޮޕްޓަރުގެ ޙިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ހެލި ފްލައިޓްއާއި ގުޅިގެންނެވެ. އޫބާ އިން ދަނީ މި ޙިދުމަތް އިތުރަށް ފުޅާކޮށް، އެހެން ޤައުމުތަކަށްވެސް ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ.