ޚަބަރު

ފެހުރިހި އެންމެ ގިނައިން ފެންނަ ސަރަޙައްދަށް ސައުތުއަރި މެރިންޕާކްގެ ނަން ދީފި


ދިވެހިރާއްޖެއިން ފެހުރިހި އެންމެ ގިނައިން ފެންނަ ސަރަޙައްދަށް ސައުތުއަރި މެރިންޕާކްގެ ނަމުން ނަން ދީފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިއަދު ވަނީ، އދ. ރަންގަލީ ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރު ކަނާ ދޭތެރޭގައި ވާރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދު، ސައުތުއަރި މެރިންޕާކް ސަރަހައްދުކަމުގައި ހަމަޖައްސާފައެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

އަދި މިސަރަހައްދުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މެރިން ރޭންޖަރސް ހަރަކާތްތެރިވަމުން ދާނެކަމަށްވެސް އެންވަޔަރަންމަންޓްރީން ހާމަކުރެއެވެ.

މިސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ. މި ސަރަހައްދުގެ އެންމެ ޚާއްޞަ ސިފައަކީ މުޅި އަހަރު ތެރޭގައި ވެސް މިސަރަހައްދުން ފެހުރިހި ފެންނަކަމެވެ. އަދި ފަރުގެ މުއްސަނދިކާމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، މިސަރަހައްދަކީ މާހައުލީ ގޮތުން ފާހަގަކުރެވޭ ތަނެކެވެ. މިތަނުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ވެލާ ކަހަނބު، މަޑި އަދި މިޔަރުގެ ބާވަތްތައް ހިމެނެއެވެ.

ފެހުރިހި ބެލުމަށް މިސަރަހައްދު ބޭނުންކުރެވޭނީ ހެނދުނު 6 އިން އިރު އޮއްސި 6 އަށެވެ. ފެހުރިހި ބެލުމަށް ޒިޔާރަތްކުރާ ފަރާތްތަކުން ފެހުރިހީގެ ކުރިމައްޗަށް އެރުމާއި އޭގައި އަތްލުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވާއިރު، މިސަރަހައްދަށް ފެހުރިހި ބަލަން އެރޭ މީހުންނާއި ފެހުރިއްސާއި ދެމެދު، މަދުވެގެން 4 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހެއެވެ.

އަދި މިސަރަހައްދުގައި އެއްވެސް ދިރާސާއެއް ކުރުމާއި ވިޔަފާރި އުޞޫލުން ފޮޓޯ އަދި ވީޑިއޯ ކުރެވޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޚާއްޞަ ހުއްދަ ލިބިގެންނެވެ.