ޚަބަރު

ބިދޭސީ މީހާ މަރުވީ ބޮަލަށް ޖަމްބޯ ބޭގެއް ވެއްޓިގެން - ފުލުހުން


ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި އިއްޔެ ހިނގި ހާދިސާގައި މަރުވި މީހާގެ ބޮލަށް ވެއްޓުނީ ސިމެންތި ބަސްތާތަކެއް އަޅާފައި ހުރި ޖަމްބޯ ބޭގެއްކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ފުލުހުން ކުރިން ބުނެފައިވަނީ އެ ހާދިސާގައި މަރުވި މީހާގެ ބޮލަށް ވެއްޓިފައިވަނީ ސިމެންތި ބަސްތާއެއްކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުންކަމަށެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 17:30 ހާއިރު ހުޅުމާލޭގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ އެތަނުގައި މަސައްކަތްކުރަން އުޅުނު ޢުމުރުން 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ. މިހާދިސާ ހިނގީ ސެންޓްރަލް ޕާކް ކައިރީގައި ހަދަމުދާ ޢިމާރާތެއްގައެވެ. އެޢިމާރާތުގެ މަސައްކަތް ކުރަމުންދަނީ "ޖާސް އިންވެސްޓްމަންޓް" ކިޔާ ކުންފުންޏަކުންނެވެ.

ފުލުހުން ބުނީ މަރުވި ބިދޭސީ މީހާގެ ބޮލަށް ވެއްޓުނީ ބައިވަރު ސިމެންތި ބަސްތާތަކެއް އަޅާ ޑަބަލްކޮށް ޖަހާފައިހުރި ޖަމްބޯ ބޭގްތަކެއްގެ ތެރެއިން މަތީގައި އޮތް ޖަމްބޯ ބޭގުން ސިމެންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި ޖަމްބޯ ބޭގްގައި ހުރި ސިމެންތި ބަސްތާތަކާއި އެކުކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭނާ އޭރުވެސް ވަނީ މަރުވެފައިކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގި އިމާރާތުގައި މިދިޔަ ހޮނިހިރު ދުވަހުވެސްވަނީ އެހެން ޙާދިސާއެއް ހިނގާފައެވެ. އެއީ އެ ޢިމާރާތުގެ ހަތް ވަނަ ފަންގިފިލާއަށް ތަކެތި އެރުވުމަށް ބޭނުންކުރި ލިފްޓެއްގެ ކޭބަލް ކަނޑައިގެން، މީހަކާ އެކު ލިފްޓު ވެއްޓުމެވެ. މިޙާދިސާ ހިނގިއިރު ލިފްޓުގައިހުރި މީހާއަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.