ޚަބަރު

އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނެސް ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަނީ


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާއެކީ ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އާއިލާއާއެކީ ޗުއްޓީ ހޭދަނުކުރެވޭ މައްސަލައަކީ އެންމެ ބޮޑު ޝަކުވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމަށް ހައްލެއް ހޯދައިދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަށް އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ޚިޔާލު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ވަނީ އެކަމަށް ޚިޔާލު ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ސިޓީއަކުން. އެކަން ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް އެބަގެންދޭ. އެކަން ނިމުމުން ސަރުކާރުގެ މުއައްސަސާތަކަށާއި، މި މަޖިލީހަށް އެކަން އަންގާނަން. އަދި އެކަން ކުރެވޭނެކަމަށް ޤަބޫލުކުރަން. އެއިރުން އާއިލާތަކާއެކު އެ މުވައްޒަފުންނަށް ވަގުތު ހޭދަކުރަން ފުރުޞަތު ލިބިގެންދާނެ."

މިހާރު އަމަލުކުރަމުން އަންނަ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލް ކިޔެވުން ބަންދު ވުމަށްފަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބެނީ އަހަރުގެ ފަހުކޮޅު ނޮވެމްބަރ އަދި ޑިސެމްބަރުގައެވެ. ނަމަވެސް އެދުވަސްވަަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޗުއްޓީ ލިބުމަށް އެންމެ ދަތި ދުވަސްވަރުއެވެ. އެދުވަސްވަރަކީ އަހަރުގެ ފަތުރުވެރިކަމުގެ "ސީޒަންތެރެ". ޢެވެ. އެހެންކަމުން އާއިލާއަކީ ޗުއްޓީ ހޭދަ ނުކުރެވޭ މައްސަލަތަކީ އެ ދާއިރާގައި މަސައްކަތްކުރާ ގިނަމުވައްޒަފުންގެ ބޮޑު ޝަކުވާއެކެވެ. ރާއްޖެއިން ބޭރުގެ ގިނަ ޤައުމުތަކުގައިވެސް ސްކޫލްގެ އަހަރީ ބޮޑު ޗުއްޓީ ލިބެނީ އަހަރުގެ މެދުތެރެއަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުރި ގޮންޖެހުމުގެ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ލޯން ސްކީމާއި ހައުސިންގ ސްކީމް ތަޢާރަފްކޮށްފައި ވާގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށްވެސް އެ ސްކީމްތައް ތަޢާރަފްކުރަންޖެހޭކަމަށެވެ.

އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައުސިންގ ސްކީމެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާ މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އެންމެ މަތީ ފަތުރުވެރިކަމުގެ މަންޒިލަކީ ރާއްޖެކަމަށްވުމުން އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރަންޖެހޭކަމަށެވެ.

"އެހެން ދާއިރާތަކުގެ މުވައްޒަފުން އެޕްރިޝިއޭޓްކުރާގޮތަށް ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އެޕްރިޝިއޭޓް ވާހެން، ރިސޯޓް މުވައްޒަފުންނަށްވެސް ލޯން ސްކީމްތަކާއި ހައުސިން ސްކީމްތައް ލިބޭނެގޮތަށް ޤާނޫނުތައް ތަރުތީބު ކޮށްދިނުމަށް މި މަޖިލީހުގައި އަޅުގަނޑު ދަންނަވަން."

މިނިސްޓަރ އަލީ ވަހީދު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.