ސިޔާސީ

ރާއްޖޭގައި ކެސީނޯ ނާޅާނެކަމަށް ވިދާޅުވުމުން ޖާބިރު ކޯފާއިސްކުރައްވައިފި


މި ސަރކާރުން ރާއްޖޭގައި ކެސީނޯއެއް ނާޅާނެކަމަށާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިންގާނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވުމުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކޯފާ އިސްކުރައްވައި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އަޑުގަދަކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ޙާޒިރުކޮށް ކޮމިޓީގެ މެންބަރުންވަނީ ގިނަ ސުވާލުތަކެއް މިނިސްޓަރަށް ދަންނަވާފައެވެ. މިނިސްޓަރ ވަނީ ވަރަށް ތަފްސީލީގޮތެއްގައި އެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ނަމަވެސް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ރާއްޖޭގައި ކެސީނޯ ހަދާނެތޯ ސުވާލުކުރައްވާފައެވެ. އަދި ބަނގުރާއާއި އޫރުމަހަކީ އިސްލާމްދީނުގައި ޙަރާމް ތަކެއްޗަށްވާއިރު، ރާއްޖޭގެ ރިސޯޓްތަކުގައި އެތަކެތި ވިއްކަނީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރެއްވިއެވެ. އެސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގައި މިސަރުކާރުން ކެސީނޯ ނާޅާނެކަމަށެވެ. މި ސަރުކާރުން ކެސިނޯ އެޅުމަށް ވިސްނާފައި ނުވާކަމަށާއި، ރާއްޖޭގެ ފަތުވެރިކަން ކުރިއަށް ގެންދާނީ މާތްވެގެންދާ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާއި ސިފަތައް ހިމާޔަތްވާ ގޮތުގެ މަތިންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން ކުރީގެ އިސްލާމިކް މިނިސްޓަރ ވިދާޅުވިހެން އެ އެއްޗެހި ހުރީތީ ވިއްކަނީއެކޭ. ރާއްޖޭގައި ހުރި ޤާނޫނުތަކުން ހުއްދަކުރާތީ ރިސޯޓްތަކުގައި އެ އެއްޗެހި ވިއްކަނީ" މިނިސްޓަރ ޢަލީވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރުގެ އެވާހަކަފުޅާ ގުޅިގެން ޖާބިރުވަނީ ކޯފާއިސްކުރައްވާފައި. އަދި އަޑުހަރުކޮށް ތަކުރާރުކޮށް ބަނގުރާއާއި އޫރުމަސްވިއްކަނީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އަދި ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރެއްވިއެވެ. މިނިސްޓަރުވަނީ ޖާބިރުގެ ރިސޯޓްތަކުގައިވެސް ބަނގުރާއާއި އޫރުމަސް ވިއްކަންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ޖާބިރުވަނީ އޭނާގެ ރިސޯޓްތަކުގައި އެތަކެތި ނުވިއްކާމަށް ވިދާޅުވެފައެވެ.

ބަނގުރާއާއި އޫރުމަސް ރާއްޖޭގެ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ވިއްކަމުންދަނީ ޚާއްޞަ ހުއްދައެއް ނަގައިގެންނެވެ. އެތަކެތި ވިއްކާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޖާބިރުވަނީ ކޯފާ އިސްކުރައްވައި ކޮމިޓީގެ ނާއިބު މުޤައްރިރުކަމުންނާއި މެންބަރުކަމުން އިސްތިއުފާދެއްވާކަމަށް ވިދާޅުވެ ކޮމިޓީ ރޫމް ދޫކުރައްވައި ވަޑައިގެންފައެވެ. ޖާބިރު މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އަޑުގަދަކުރެއްވުމުން ނަން އިއްވައި ޖަލްސާއިން ބޭރުކޮށްފައެވެ.